ޚަބަރު

ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ޗައިނާގެ އެހީތެރިކަން ލިބޭނެ


ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ޗައިނާގެ އެހީތެރިކަން އަބަދުވެސް ލިބޭނެ ކަމަށް ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ކޮންގް ޝުއެންޔޫ ވިދާޅުވެއްޖެއެވެ.

ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ކޮންގް ޝުއެންޔޫ މިހެން ވިދާޅުވީ ރާއްޖޭގެ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް މުޙައްމަދު ސަޢީދުއާއެކު މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމެއްގައެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވަނީ ޗައިނާ ސަރުކާރުގެ އެއްބާރުލުމާއެކީ ރާއްޖޭގައި ހިންގަމުންދާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގެ މަޢުލޫމާތު ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގަމުން އަންނަ ހައުސިންގ ޕްރޮޖެކްޓްތަކުގެ އިތުރުން، އެއަރޕޯރޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓާއިބެހޭ މަޢުލޫމާތުވެސް މިނިސްޓަރ ޙިއްޞާ ކުރައްވާފައިވެއެވެ.

ޗައިނާގެ އެސިސްޓެންޓް ފޮރިންގ މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އަބަދުވެސް އެހީތެރި ވެދެއްވަމުން ގެންދަވާނެ ކަމަށާއި އަދި ދިވެހި ސަރުކާރުން ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމުމަށްޓަކައި ވެދެއްވެން ހުރި ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގައިވެސް އެސިސްޓެންޓް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތައް ކުރިއަށް ގެންދިއުމަށް އެހީތެރިކަން ދެއްވާނެ ކަމަށާއި ޗައިނާގެ ކުންފުނިތަކަށް މި އިންވެސްޓްމަންޓް ފުރުޞަތުތައް ހުޅުވައިދެއްވުމަށް ދެ ޤައުމުގެ ދެމެދުގައި މަޝްވަރާ ކުރެއްވުމަށް އެސިސްޓެންޓް ފޮރިންގ މިނިސްޓަރ ހުށައެޅުއްވިއެވެ.

އަދި ރައީސް ޔާމީންގެ އިޤްތިޞާދީ އެޖެންޑާއަށް ޗައިނާ ސަރުކާރުން ފުރިހަމައަށް ތާއީދުކުރާ ކަމަށާއި، އެކަމަށް އެއްބާރުލުން ދެއްވާނޭކަމުގެ ޔަޤީންކަންވެސް ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ދެއްވިއެވެ. އަދި އިތުރު ދާއިރާތަކުން އެހީތެރިކަން ދިނުމަށް ޗައިނާ ސަރުކާރުން ތައްޔާރަށް އޮތްކަމަށްވެސް އެސިސްޓެންޓް ފޮރިންގ މިނިސްޓަރ ކޮންގް ޝުއެންޔޫ ވިދާޅުވިއެވެ.

މި ބައްދަލްވުމުގައި ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުޙައްމަދު ފައިސަލް ބައިވެރިވެވަޑައިގެންނެވިއެވެ. މިނިސްޓަރ ސަޢީދު ޗައިނާއަށް ކުރެއްވި މި ދަތުރުފުޅުގައި ޗައިނާގެ އެގްޒިމް ބޭންކުގެ ވައިސް ޕްރެސިޑެންޓާވެސް ވަނީ ބައްދަލުކުރައްވާފައެވެ.