މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހަމަޖެހިލަން ބޭނުންނަމަ ޓީސީ ސްޕޯޓްސް ކުލަބް ކަހަލަ ޓީމުތަކާ ދެކޮޅަށް ނުކުންނައިރު ތިން ޕޮއިންޓް ނުނަގައެއް ސަލާމަތެއް ނުވާނެ ކަމަަށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ.
ނަޒީހު މިހެން ބުނެފަވަނީ ލީގުގައި މިދިޔަ އަންގާރަ ދުވަހު 4-1 ގެ ނަތީޖާއަކުން ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް ޔޫވީއިން ލީގުގެ ފުރަތަމަ މޮޅު ހޯދި މެޗަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުންނެވެ.
ނަޒީހު ވަނީ މި ފަހަރު ލީގުގައި ޔޫވީން ސަލާމަތުން އޮންނަ ބޭނުންކަމުގަ ވާނަމަ އެކު ހިސާބެއް ވެސް ޖަހާފައެވެ. އޭނާ ބުނީ ލީގުގައި ޔޫވިން ސަލާމަތުން އޮންނަ ބޭނުން ކަމަށްވާނަމަ ކޮންމެ ބުރެއްގަ ވެސް މަދުވެގެން 12 ޕޮއިންޓް ހޯދަން ޖެހޭނެ ކަމަށެވެ.
ނަޒީހު ބުނީ ޔޫވީގައި ތިބި ކުޅުންތެރިންނަކީ ތަޖުރިބާ މަދު އައު ކުޅުންތެރިންތަކެއްކަމަށެވެ. އެހެންކަމުން ލީގުގައި ވާދަކުރަމުންދާ ވަރުގަދަ ޓީމުތަކާއި ދެކޮޅަށް ކުޅުމަކީ ޔޫވީއަށް ފަސޭހަކަމަކަށް ނުވާނެކަމަށާއި އެހެންނަމަވެސް ޓީމުން މަސައްކަތްކުރާނީ ހިތްވަރާއެކު ލީގުގައި ހަމަޖެހިލުމަށްކަމަށެވެ.
ޔޫވީއިން ލީގުގައި ވާދަކުރަމުން އަންނައިރު، ވަކި ޓީމެއްވެގެން ފަހަތަށްޖެހި ދިފާޢީ ގޭމެއް ނުކުޅޭނެކަމަށް ނަޒީހު ބުންޏެވެ. އޭގެ ބަދަލުގައި ޓީމުން ކުރިއަށްޖެހި ގިނަ ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތްކުރާނެކަމަށް އޭނާ ފާހަގަކުރިއެވެ.
"އަސްލު ތެދަށް ބުނަންޏާ މިމީހުން އަހަރެން ދަނޑަށް ނެރުނީކީއެއް އެކޮޅުގައި މާޒިޔާ ޓީމު އޮވެގެނެއް ނޫނޭ. ނޫނީ ނިއުރޭޑިއަންޓު އޮވެގެންނެއް ނޫނޭ، ދޫކޮށްލާފަ އައިސްފަ ޑިފެންސް މެދު ތެރެއިން ފަށާކަށް. ސީދާ ބުނެފަ އޮންނާނީ ޕްރެސް ފަށާށޭ. ޕްރެސިން ފެށީމަ ނަތީޖާ އެނުކުތީ. ފަހު ހާފު ފެށިގޮތަށް ޕްރެސް ކުރީ ކުރިން. ހަމަ ހުރިހާ ބޯޅައެއް، އެންމެ ބޯޅައެއް ރައިޓް ސައިޑުން ފިޔަވާ ވިން ކުރީ. މިއީ ތަންކޮޅެއް ޓެކްނިކަލީ ލޯ ޕްލެޔަރުން ދޯ. މާޒިޔާ އަދި ނިއުރޭޑިއަންޓުގައި އެތިބިވަރު ޓެކްނިކަލީ ރަނގަޅު ޕްލެޔަރުން ނޫން. އެހެންވީމަ ޝޭކީވާނެ ދުއްވައިގަންނައިރު" ޓީސީ އަތުން މޮޅުވި މެޗަށްފަހު ނަޒީހު ބުންޏެވެ.
ނަޒީހު ބުނީ ޓީމަށް އިރުޝާދުދީފައިވާނީ ކުރިއަށް ނުކުމެ ހަމަލާތައް އުފެއްދުމަށްކަމަށެވެ. އެގޮތަށް ކުޅެވޭ ނަމަ ޓީމުގެ ނަތީޖާތައް ރަނގަޅުވާނެކަމަށް ގަބޫލުކުރާކަމަށެވެ. އަދި ޔޫވީއިން ލީގުގައި ހަމަޖެހިލަން ބޭނުންނަމަ ކޮންމެހެންވެސް ބާރަ ޕޮއިންޓު ހޯދަންޖެހޭކަމަށް ނަޒީހު ފާހަގަކުރިއެވެ.
"މި ޕޮއިންޓުތައް ނުނަގައެއް ސަލާމަތެއް ނުވާނެ، މި ޕޮއިންޓުތައް، ހަމަ ތިން ޕޮއިންޓު ނަގައިގެން ހަމަ ބާރަ ޕޮއިންޓު މިނިމަމް މިބުރުން ބާރަ ޕޮއިންޓު މަދުވެގެން ނަގައިގެން. ސެޓް އެޒް މެނީ އެޒް ޔޫ ކޭން. ގޯލްސްތައް ސެޓުކުރަންވީ. އެކަމަކު މިނިމަމް ނަގަންޖެހޭވަރު އެއީ ބާރަ ޕޮއިންޓު މިބުރުން. އެހެންވެއްޖިއްޔާ 24 ވާނެތާ ދެ ބުރުން. އެހެންވެއްޖިއްޔާ 6،5 އެހިސާބުގައި އިންނާނީ" ލީގުގައި ޔޫވީއިން ކަނޑައަޅާފައިވާ އަމާޒާއި ގުޅޭގޮތުން ނަޒީހު ބުނެފަވެއެވެ.
މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު ޔޫވީއިން މިހާރު ލީގުގެ ފަސްވަނައަށް ޖެހިލާފަވާއިރު ލީގުގައި މިހާރު ކުޅެމުންދާ އެންމެ ރަނގަޅު ބިދޭސީ ހަތަރު ކުޅުންތެރިން ތިބީ އެޓީމުގައި ކަމަށް ނަޒީހުވަނީ މީގެ ކުރިން ބުނެފައެވެ. އަދި ޔޫވީއިން ލީގާއި ކުރިމަތިލާފަވަނީ ލީގުގެ ގަދަ ހަޔަކުން ޖާގަ ހޯދުމުގެ އަޒުމުގައިކަމަށާއި ރެލިގޭޝަނާއި މެދު ނުވިސްނާކަމަށްވެސް ނަޒީހު ބުނެފަވެއެވެ.