ސްޕެނިޝް ލަލީގާގައި ރޭ ވިޔަރެއާލް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ރެއާލް ކާމިޔާބުކޮށްފި އެވެ.
މި މެޗުން ރެއާލް މެޑްރިޑް މޮޅުވުމާއިއެކު އެ ޓީމުން ވަނީ ލީގުގައި މިހާތަނަށް ކުޅުނު 8 މެޗުން ލިބިފައިވާ 21 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ހޯދާފަ އެވެ. ދެވަނައިގައި އޮތް ބާސެލޯނާ އަށް އެއް މެޗު މަދުން ކުޅެގެން 7 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ހަތްދިހަ ފަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ރެއާލް މެޑްރިޑަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން އެ ޓީމުން ވިނިޝިއަސް ޖޫނިއަރ އަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެ އެވެ.
މި މެޗުގައި ރެއާލް މެޑްރިޑް އިން ލީޑު ނަގާފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ދިން ޕާހަކުން ވިނިޝިއަސް ޖޫނިއަރ އެވެ.
އަދި މެޗުގެ 69 ވަނަ މިނިޓުގައި ރެއާލް މެޑްރިޑަށް ލިބުނު ޕެނަލްޓީ އަކުން ވިނިޝިއަސް ޖޫނިއަރ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ނަމަވެސް އޭގެ ހަތަރު މިނިޓު ފަހުން ވިޔަރެއާލްގެ ޖޯޖިއާ ފޯވަޑް, ޖިއޯޖެސް މިކައުޓަޑްޒޭ ވަނީ ލަނޑެއް ޖަހާފަހަ އެވެ.
ވިޔަރެއާލް އިން ލަނޑެއް ޖެހިތާ ހަތަރުވަނަ މިނިޓުގައި އެ ޓީމަށް މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިވަނީ ދެވަނަ ރީނދޫ ކާޑަކާއިއެކު ސެންޓިއާގޯ މޮރީނިއޯ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.
ވިޔަރއާލް އިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުމުގެ ފައިދާ ނަގާ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.