އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު 2-1 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެއްޖެ އެވެ.
ލަންޑަނުގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗުން ޗެލްސީ މޮޅުވެފައިވާއިރު ފަހަކަށް އައިސް އެ ޓީމަށް ރަގަޅު ނަތީޖާތަކެއް ހޯދިފައިނުވާތީ ކޯޗު އެންޒޯ މަރެސްކާ އަށް ވަނީ ޕްރެޝަރ ބޮޑު ވެފަ އެވެ. ލިވަޕޫލް އަތުން ޗެލްސީ މޮޅުވިއިރު އެ ޓީމުން ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ހޯސޭ މޮރީނިއޯގެ ބެންފީކާ އަތުންވެސް 1-0 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ.
މި މެޗުން މޮޅުވުމާއިއެކު ޗެލްސީ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 7 މެޗުން ލިބިފައިވާ 11 ޕޮއިންޓާއެކު ތާވަލުގެ ހަވަނަ އަށް ޖެހިލާފަ އެވެ. ލިވަޕޫލް އަށް ހަތް މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު އެ ޓީމު އޮތީ ދެވަނައިގަ އެވެ.
ޗެލްސީ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ވަނީ ލިވަޕޫލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.
މި މެޗުގައި ޗެލްސީ އަށް ލީޑު ނަގައިދީފައިވަނީ މެޗުގެ 14 ވަނަ މިނިޓުގައި ކައިސޭޑޯ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑުންނެވެ. ލިވަޕޫލްގެ އެއްވަނަ ކީޕަރު އެލިސަން އަށް ލިބިފައިވާ އަނިޔާގެ ސަބަބުން މި މެޗުގައި ގޯލު ބެލެހެއްޓި ޖިއޮޖީ މަމަރްޑޭޝްވިލް އަށް ވަނީ ކައިސޭޑޯ ވިހި ޔާޑު ދުރުން ފޮނުވާލި ހަމަލާ ދިފާއު ކުރުމަށް ނުކުޅެދިފަ އެވެ.
މި މެޗަށް ނިކުތްއިރު ލިވަޕޫލްގެ ކޯޗު އާން ސްލޮޓް މެޗު ފަށާފައިވަނީ 116 މިލިއަން ޕައުންޑަށް އެ ޓީމަށް ގެނެސްފައިވާ ފްލޯރިއަން ވާރޓްޒް ބެންޗުގައި ބަހައްޓައިގެންނެވެ.
ފުރަތަމަ ހާފުގައި 1-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުއިރު ސްލޮޓް ވަނީ ވާރޓްޒް ކުޅެން އަރުވާފަ އެވެ.
ލިވަޕޫލް އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ އެލެކްޒެންޑަރ އިސާކް ދިން ބޯޅަ އަކުން ކޯޑީ ގެކްޕޯ ކާމިޔާބުކޮށްދިން ލަނޑުން މެޗުގެ 63 ވަނަ މިނިޓުގަ އެވެ.
ޗެލްސީ އަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގައި މާކް ކުކުރެޔާ ދިން ޕާހަކުން އެސްޓެވާއޯ ވިލިއަން އެވެ. މިއީ އޭނާ ޕްރިމިއާ ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ.
މި މެޗުން ލިވަޕޫލް ބަލިވިއިރު މިއީ އާން ސްލޮޓްގެ އިރުޝާދުގެ ދަށުން އެ ޓީމުން ޖެހިޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.