ގައުމީ ފުޓްބޯޅަ ޓީމާ މެދު މިހާރު އޮތް އެންމެ ބޮޑު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސްރީ ލަންކާ މެޗަށްވުރެ ކުޅުންތެރިންގެ ފިޓްނަސް މިހާރު ބޮޑުތަނުން ރަނގަޅުވެފައިވުން ކަމަށް ޓީމުގެ ތަޖުރިބާކާރު ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
މޯހަން މިހެން ބުނެފަވަނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓުބޯޅަ ޓީމުން ރަސްމީ ބޯޅަދަނޑުގައި ކުރަމުންދާ ޕްރެކްޓިސްތަކުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައެވެ.
މޯހަން ބުނީ ކުރިއަށް އޮތް މެޗަށް ތައްޔާރުވަމުން އަންނައިރު ގައުމީ ޓީމާއި މެދު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިމަހުގެ ކުރީކޮޅު ލަންކާގައި ކުރިއަށް ދިޔަ ސުޕަކަޕު މުބާރާތުގައި ކުޅުންތެރިންދެއްކި ކުޅުމަށްވުރެ، ކުޅުންތެރިން މިހާރު އިތުރަށް ފިޓްވެފައިވުންކަމަށެވެ. ގައުމީ ޓީމުގެ ބުންވަރު މިހާރު އިތުރަށް ރަނގަޅުވެއްޖެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް މޯހަން ބުނެފަވެއެވެ.
"ހިތްހަމަޖެހުމަކީ ކުޅުންތެރިންގެ ފިޓްނެސް ހުރީ ލަންކާއަށްވުރެ މާބޮޑުތަން ރަނގަޅުވެފަ ހުންނާނެކަން އެޔަގީންވުން. އެއީ ސީޒން ފަށައިގެން ލީގު މެޗުތަކެއް ކުޅެވިފަ ހުރީމާ އޭގެ ވަރަށް ބޮޑު އިމްޕްރޫވްމެންޓްއަކަށް ވެގެންދާނެ. އަޅުގަނޑުމެންނަށް ލަންކާގަ އެ ޗެލެންޖު ވަރަށް ބޮޑަށް ދިމާވި. އެހެންނަމަވެސް މިފަހަރު އޭތި ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެކަމަށް އުންމީދުކުރެވެނީ. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް" މޯހަން ބުންޏެވެ.
ރާއްޖޭގެ ފުޓުބޯޅަ އަޑިއަޅާލާ ދަތިދުވަސްތަކެއް ގުނުމަށްފަހު ފުޓުބޯޅައަށް އަލުން ދިރުން އަންނަމުންދާއިރު، ގާތްގަނޑަކަށް ދެ އަހަރު ދުވަހަށްފަހު އަލުން ރާއްޖޭގެ ފުޓުބޯޅައިގެ ލީގު ފެށިގެން ދިއުމަކީ ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ކޯޗު ބުންޏެވެ. ދިގު މުއްދަތަކަށްފަހު ގައުމީ ޓީމުން ހިއްލާލި ފުރަތަމަ ތަށީގެ މޭސްތިރިޔާ ކަމަށްވާ މޯހަންބުނީ ލީގުގައި ކުޅުންތެރިން ކުޅެމުން ގެންދިއުމަކީ އޭގައި ގިނަ ޕޮޒިޓިވްތަކެއް އެކުލެވޭކަމެއްކަމަށެވެ.
މިގޮތުން ކުޅުންތެރިންގެ ކިބައިން އިހުނަށްވުރެ ބޮޑަށް އެލަރޓްނެސް އަދި ޝާރޕްނެސް ފެންނަމުންދާކަމަށް އޭނާ ފާހަގަކުރިއެވެ. އެހެންނަމަވެސް ޓީމުގެ ކުޅުން ކުއްލިއަކަށް އެންމެ ރަނގަޅުނުވާނެކަން ގަބޫލުކުރަންޖެހޭކަމަށާއި އެއީ ދުވަހުން އަންނާނެ ހެޔޮ ބަދަލެއް ކަމަށް ގަބޫލުކުރުމަށް މޯހަން ބުނެފަވެއެވެ.
"ދެން ކުޅުންތެރިން އިތުރު މެޗުތަކެއް ކުޅެފަ ހުރީމައާއި އެއްކޮށް އެލަރޓްނެސް ތަންކޮޅެއް ރަނގަޅުކޮށް ފެނިގެންދަނީ. ޝާރޕްނެސް ތަންކޮޅެއް ރަނގަޅުކޮށް ފެނިގެންދަނީ. މިހުންނަނީ ހަމަ ޕޮޒިޓިވް ކަންތައްތައް. ދެން ވަސްނަގާނެ އިނގޭތޯ، ލީގެއް ފެށިގެން ތިން ދުވަހަކުންނެއް އަޅުގަނޑުމެންނަކަށް ވާނުވާއެއް ނޫނިއްޔަކާމު މާ ބޮޑު ތަފާތެއް އެއީ ފެނިގެންދާނެ ކަމެއް ނޫން. އެހެންނަމަވެސް ކުރިއަށްދާ ވަރަކަށް އަޅުގަނޑު ގަބޫލުކުރާހިތްވަނީ ހަމަ ކުޅުންތެރިންގެ ވަރަށް ބޮޑު އިމްޕްރޫވްމެންޓު ފެނިގެންދާނެކަމަށް. އެކަން ނެޝަނަލް ޓީމުގަ ދައްކަމުންވެސް ދާނެކަމަށް" ދިގު މުއްދަތަކަށްފަހު ގައުމީ ޓީމަށް ތައްޓެއް ހިއްލާލުމުގެ ފުރުސަތު ހޯދަދިން ކޯޗު ބުންޏެވެ.
ކޮލިފައިންގެ ތިންވަނަ މެޗަށް ރާއްޖެއިން ނުކުންނައިރު ރާއްޖޭ ވަނީ ފުރަތަމަ ދެ މެޗުން ބަލިވެފައެވެ. ރާއްޖޭ ހިމެނޭ ގުރޫޕް އޭގައި ފިލިޕީންސް އާއި ތަޖަކިސްތާން ވަނީ ކުޅުނު ދެމެޗުން 4 ޕޮއިންޓް ހޯދާފައެވެ. ޓިމޯ ލެސްޓޭއިން ވަނީ އެންމެ ފަހުން ރާއްޖެ ކުޅުނު މެޗު ކާމިޔާބުކޮށް ތިން ޕޮއިންޓް ހޯދާފައެވެ. ރާއްޖެ އޮތީ ޕޮއިންޓެއް ނުލިބި ގްރޫޕް ފުލުގައެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ މި މަހުގެ ނުވަވަނަ ދުވަހު ތަޖަކިސްތާނާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗަށެވެ. އެއަށްފަހު މިމަހުގެ 14ވަނަ ދުވަހު ގައުމީ ޓީމުން އަމިއްލަ ދަނޑުގައި ނުކުންނާނީ ތަޖަކިސްތާނާއި ވާދަކުރުމަށެވެ. އަދި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ފިލިޕީންސްއާ ދެކޮޅަށް ކުޅުމަށް ރަސްމީ ބޯޅަ ދަނޑަށް ނުކުތުމަށްފަހު ކޮލިފައިންގެ ފަހު މެޗުގައި އަންނަ އަހަރު މާޗު މަހުގައި ރާއްޖޭ ނުކުންނާނީ ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ.