ޚަބަރު

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކް ޖެހުނު މީހާގެ ހާލަތު މިހާރު އަންނަނީ ރަނގަޅުވަމުން: އައިޖީއެމްއެޗް


  • ބަލިމީހާގެ ހާލު ރަނގަޅުވެ، މިހާރު އޭނާ ވަނީ ސީސީޔޫގައި އެޑްމިޓްކޮށްފައި

  • ޕެޕަރ ސްޕްރޭއަކީ ސީދާ އޭގެ ޒާތުން ހާޓް އެޓޭކެއް ޖެހޭފަދަ އެއްޗެއް ނޫންކަމަށް ވިދާޅުވި

އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު މީހަކަށް ފަރުވާދީ، ހާލު ރަނގަޅުވެ މިހާރު އޭނާ ސީސީޔޫގައި އެޑްމިޓްކޮށްފައިވާކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗުން ވަނީ މި ހާދިސާއާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާގުޅޭގޮތުން ނޫސް ބަޔާނެއް ނެރެފައެވެ.

އައިޖީއެމްއެޗުން ވިދާޅުވީ، އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިއަކު މޭގަ ރިއްސައި، އެކިއުޓް މަޔޯކަރޑަލް އިންފާކްޝަން (އެމްއައި ނުވަތަ ހާޓް އެޓޭކް) އެއް ޖެހުނު ހާދިސާއާ ގުޅޭގޮތުން އާންމުންގެ ހުރި ކަންބޮޑުވުންތައް އެ ހޮސްޕިޓަލުގެ ސަމާލުކަމަށް ގެނެވިފައިވާކަމަށެވެ.

އަދި މި ހާދިސާއަށްފަހު ބަލިމީހާއަށް ފަރުވާދީ، ހާލު ރަނގަޅުވެ، މިހާރު އޭނާ ސީސީޔޫގައި އެޑްމިޓްކޮށްފައިވާކަމަށްވެސް އައިޖީއެމްއެޗުން ވިދާޅުވިއެވެ.

ހާޓް އެޓޭކެއް އާންމު ގޮތެއްގައި ޖެހެނީ ޞިއްޙީ ކޮންމެވެސް ސަބަބަކާ ހެދި ލޭހޮޅިތައް ނުވަތަ ލޭ ހޮޅިއެއް ބެދި، ހިތުން ބަޔަކަށް ލޭ ފޮނުވުމަށް އަންނަ ހުއްޓުމަކާ ގުޅިގެންކަމަށާއި، މިއީ އާންމުކޮށް ބަލިމީހާގެ ހުންނަ، ޞިއްޙީ އެހެން މައްސަލައެއް ނުވަތަ މައްސަލަތަކެއްގެ ސަބަބުން ދިމާވާކަމެއްކަމަށް އައިޖީއެމްއެޗުގެ ބަޔާނުގައިވެއެވެ.

އައިޖީއެމްއެޗުގެ ބަޔާނުގައި ވަނީ ޕެޕަރ ސްޕްރޭގެ ސަބަބުން ހާޓް އެޓޭކް ޖެހުމާ ގުޅޭގޮތުންވެސް މަޢުލޫމާތު ހިއްސާކޮށްފައެވެ. ޕެޕަރ ސްޕްރޭ ޖެހުމުން ވަގުތީ ގޮތުން ނޭވާޔަށް އުނދަގޫކޮށް، ކެއްސައި އަދި މިފަދަ "ސްޓެރްސް ރެސްޕޮންސް" ތައް އައި ނަމަވެސް ޕެޕަރ ސްޕްރ އަކީ ސީދާ އޭގެ ޒާތުން ހާޓް އެޓޭކެއް ޖެހޭފަދަ އެއްޗެއް ނޫންކަމަށް އައިޖީއެމްއެޗްގެ ބަޔާނުގައިވެއެވެ. ނަމަވެސް ތަފާތު ގޮތްގޮތުން އުފުލާ ބުރައިގެ ސަބަބުން، ޞިއްޙީ މައްސަލައެއް ހުންނަ މީހަކަށް ހާޓްއެޓޭކެއް ޖެހުން ފަދަ ކަމެއް ދިމާވެދާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

އައިޖީއެމްއެޗުން ވަނީ އެ ހޮސްޕިޓަލުން ފަރުވާ ހޯދާ ކޮންމެފަރާތަކަށްމެ، އެ ފަރާތެއްގެ ހާލަތަށް ބަލައި އެވަގުތު ދޭންޖެހޭ ފަރުވާ އެންމެ ފުރިހަމައަށް ދޭނެކަމުގެ ޔަޤީންކަން އަރުވާފައެވެ.