އެމްޑީޕީން ބޭއްވި އެއްވުން ހުއްޓުވުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވަނ،ީ ފުލުހުންގެ ޚިދުމަތުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުން ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރާއި އިހުތިޔާރުގެ ދާއިރާގެ ތެރެއިންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިހެން ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީގެ ފަރާތުން އިންތިޒާމުކޮށްގެން ރޭ ބޭއްވި އެއްވުމާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.
ފުލުހުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ، އެމްޑީޕީގެ ފަރާތުން އިންތިޒާމުކޮށްކޮށްގެން މާލޭގައި ބޭއްވި އެއްވުން ކުރިއަށްގެންދިއުމުގައި އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނިކުމެ އެއްވުން ކުރިއަށް ގެންދިއުމަށް ފުލުހުންނާއެކު ކުރިން މަޝްވަރާކުރެވި އެއްބަސްވެވިފައިވާ ގޮތާ ޚިލާފުވިކަމަށެވެ.
އެގޮތުން އެއްވުމުގެ ބައިވެރިން މަޖީދީމަގުން ދިއުމަށް މަސައްކަތްކުރުމުން އެ މަގުން އެއްވުން ކުރިއަށް ނުގެންދެވޭނެކަމަށާއި ކުރިން އެއްބަސްވެވިފައިވާގޮތަށް ކުރިއަށްދިއުމަށް އެއްވުމުގެ ބައިވެރިންނަށް ނަސޭހަތްތެރިވެ އިލްތިމާސް ކުރިނަމަވެސް، އެއްވުމުގެ ބައިވެރިން އެގޮތަށް އަމަލުކޮށްފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
އެއްވުމުގެ ބައިވެރިން ފުލުހުންނާ ކުރިމަތިލައި ފުލުހުން މަގު ބަންދުކުރުމަށް ބޭނުންކުރާ ބެރިކޭޑް ނަގައި އެއްލާލުމާއި، ފުލުހުން ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އެއްވުންތައް ހުއްޓުވައި ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ޝީލްޑް އަތުލުމަށް މަސައްކަތްކޮށް، ޝީލްޑެއް ނަގައި އެއްވުމުގެ ބައިވެރިން ގާނޫނާއި ޚިލާފު ހަރަކާތްތަކެއް ހިންގާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ސުލްހަވެރި އެއްވުމެއްގެ ސިފަ އެއްވުމުގެ ބައިވެރިންގެ އަމަލުތަކުން ގެއްލިފައިވާކަން އެގެން އޮތްކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވިއެވެ.
އެ ގާނޫނަށް ގެނެވުނު 1 ވަނަ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ފުލުހުންގެ އިދާރާއިން ލިޔުމުންދޭ ހުއްދައަކާ ނުލައި މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވުމަށް ދާޚިލީ ވުޒާރާއިން ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަން ފިޔަވައި އެހެން ސަރަހައްދެއްގައި އެއްވުން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރުމުން ގާނޫނު ނެގެހެއްޓުމުގެ ގޮތުން ނަސޭހަތާއި އިންޒާރު ދިނުމަށްފަހު އެ އެއްވުން ހުއްޓުވުމުގައި ގާނޫނު ހުއްދަކުރާ ބާރުގެ ބޭނުން ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއެކު ކޮށްފައިވާނެކަމަށް ފުލުހުން ވިދާޅުވެއެވެ.
އެއްވުން ހުއްޓުވުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވަނީ ފުލުހުންގެ ޚިދުމަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުން ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރާއި އިހުތިޔާރުގެ ދާއިރާގެ ތެރެއިންކަމަށް އެ ބަޔާނުގައިވެއެވެ. އަދި އެއްވުން ހުއްޓުވައި އަމަން ގާއިމުކުރުމުގައި ފުލުހުން ބޭނުންކޮށްފައިވާ ބާރަކީ އެފަދަ ހާލަތެއްގައި ބޭނުންކުރުމަށް ހަތިޔާރު ހޯދުމާއި ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދާއި ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ހުއްދަކޮށްފައިވާ ބާރުތައްކަމަށެވެ. އަދި އެފަދައިން ބާރުގެ ބޭނުންކުރުމުގައި ނަގަހައްޓަންޖެހޭ އަސާސްތައް ނަގަހައްޓާފައިވާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ރޭގެ އެއްވުން ކޮންޓުރޯލް ކުރުމުގައި ހަރަކާތްތެރިވި 3 ފުލުހަކަށް އަނިޔާވެފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެން ފުލުހަކާއި 2 ފިރިހެން ފުލުހުންނެވެ.
އަންހެން ފުލުހަށް އަނިޔާވެފައިވަނީ ޝީލްޑްއާއެކު ވެއްޓި ފުލުސް މީހާގެ ގައިމަތިން އެއްވުމުގެ ބައެއް ބައިވެރިން ހިނގުމުގެ ސަބަބުންކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އަނިޔާވި އަނެއް 2 ފުލުހުންގެ ތެރެއިން އެކަކަށް އަނިޔާވެފައިވަނީ ބެރިކޭޑްއިން ޖެހުމުގެ ސަބަބުންކަމަށާއި އަނެއް ފުލުސް މީހާއަށް އަނިޔާވެފައިވަނީ ޝީލްޑްތަކުގައި އެއްވުމުގެ ބައިވެރިން ޖެހުމުގެ ސަބަބުންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ އަނިޔާވި 2 ފުލުހުންނަށް ސެނަހިޔާ ހޮސްޕިޓަލުގައާއި އަނިޔާވި އަނެއް ފުލުސްމީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިންކަމަށެވެ.