ޚަބަރު

އެމްޑީޕީގެ މުޒާހަރާއަކީ ޚިޔާލުފާޅުކުރުމުގެ ނަމުގައި ޤާނޫނީ ވެރިކަމަކާ ދެކޮޅަށް ހިންގުނު ނިރުބަވެރި ހަރާކާތެއް: ނައިބު ރައީސް


  • އެމްޑީޕީއިން ރޭ ކުރިއަށް ގެންދިޔަ ހޔަރަކާތް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ވިދާޅުވި

  • ރައްޔިތުން ނުރައްކަލަށް ހުށައެޅުމަކީ އެމްޑީޕީން ގަސްދުގައި ހިންގި ފިނޑި އަމަލެއްކަމަށް ވިދާޅުވި

އެމްޑީޕީއިން ކުރިއަށްގެންދިޔަ މުޒާހަރާއަކީ ޚިޔާފާޅުކުރުމުގެ ޙައްޤުގެ ނިވަލުގައި، ޤާނޫނުއަސާސީއާއި ޤާނޫނު ހުއްދަކުރާ ހަމަތައް ގިރާކޮށް، ޤާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގުނު ނިރުބަވެރި ހަރާކާތެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީއިން ރޭ ކުރިއަށްގެންދިޔަ މުޒާހަރާއާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ސުލްޙަވެރި އިޙްތިޖާޖެއްގެ ނަމުގައި ޤައުމުގެ ސުލްޙަމަސަލަސްކަން ނަގާލައި ހަލަބޮލިކުރުމަށް އެމްޑީޕީއިން ރޭ ކުރިއަށް ގެންދިޔަ ހަރަކާތް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި އެ ހަރަކާތަކީ ރައްޔިތުންގެ ބާރާއި، ޚިޔާފާޅުކުރުމުގެ ޙައްޤުގެ ނިވަލުގައި، ޤާނޫނުއަސާސީއާއި ޤާނޫނު ހުއްދަކުރާ ހަމަތައް ގިރާކޮށް، ޤާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގުނު ނިރުބަވެރި ޙަރާކާތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ނައިނު ރައީސް ވިދާޅުވީ، އެތައް ރައްޔިތުނެއް އެއްތަނަކަށް ޖަމާކޮށް ފުލުހުންގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔުމަށް ހުއްދަދީފައިވާ ހަރަކާތެއް ހަލަބޮލިކޮށް، ފުލުހުންގެ އެންގުމާ ޚިލާފަށް އަނބުރާލައި، ރައްޔިތުން ނުރައްކަލަށް ހުށައެޅުމަކީ އެމްޑީޕީގެ ލީޑަރޝިޕުން ގަސްދުގައި ހިންގި ފިނޑި އަމަލެއްކަމަށެވެ. އަދި މިއީ އެމްޑީޕީއިން ވަކާލާތުކުރަމުންދާ އަސާސްތައް ނެގެހެއްޓުމުގައި ހުދު އެޕާޓީ މިއަދު ފެއިލްވެފައިވާ ކަމުގެ ހެއްކެއްކަމަށެވެ.

ނައިބު ރައީސްގެ މެސެޖުގައި މި ހަރަކާތް ރޫޅާލައި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ޤައުމުގެ މަސްލަހަތު ހިމާޔަތްކުރުމުގައި ފުލުހުން ދެއްކި ހިތްވަރާއި ސާބިތުކަމަށް ޝުކުރު އަދާކުރެއްވިއެވެ.


އެމްޑީޕީން ސުލްހަވެރި އެއްވުމެއްކަމަށްބުނެ ހިންގި އަމަލުތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ވަނީ ކުށްވެރިކުރައްވާފައެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަޖިލީހުގެ ރައީސް ވިދާޅުވީ، ޤައުމުގެ ޞުލްޙަމަަސްލަޙަތު ނަގާލުމަށް އެމްޑީޕީން ގަސްދުގައި ރާވައިގެން ރޭގެ މުޒާހަރާގައި ދިވެހި ފުލުހުންނާ ކުރިމަތިލާ ހިންގި ހަރަކާތްތަކަށް ދިވެހި ފުލުހުން ދެއްކި ކެތްތެރިކަމާ ސާބިތުކަމަށް ތަޢުރީފު ޙައްގުކަމަށެވެ. އަދި ޤައުމުގެ އަމަންއަމާންކަން ދެމެހެއްޓުމަށް ދިވެހި ފުލުހުން ކުރައްވާ ބުރަ މަސައްކަތަށް އައްސަރިބަހާ ސާބަސް ދަންނަވާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.


އެމްޑީޕީން އާޓިފިޝަލް ބީޗުގައި ބޭއްވި މުޒާހަރާއާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ފުލުހުންގެ އޮފިސަރަކު ޑިއުޓީގައި ހުއްޓާ، އޭނާގެ އަތުން ތަކެތި އަތުލުމަކީ ސުލްހަވެރި ސިޔާސީ އަމަލެއްކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެއީ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ޒިންމާތަކަށް ހުރަސް އެޅުންކަމަށް ވަޒީރު ވިދާޅުވިއެވެ.


ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، އެމްޑީޕީގެ މުޒާހަރާއިން ދޭހަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕަށް ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އޮތްކަމަށާއި، ޤައުމުގައި ހަމަނުޖެހުން ހިންގަން ރައްޔިތުން ބޭނުން ނުވާކަންކަމަށެވެ. އަދި ޤާނޫނީ އިމުގެ ތެރޭގައި ސުލްޙަވެރި މުޒާހަރާ ކުރުމުގެ ފުރުޞަތު އޮތްކަމާއި، ފުލުހުންގެ ޕްރޮފެޝަނަލިޒަމް ރަނގަޅުވަމުން އަންނަކަމަށެވެ.


ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވަނީ، އެމްޑީޕީއިން ރާވައިގެން ރޭ ހިންގި ހަމަނުޖެހުން ހިންގިޔަނުދީ މައިތިރިކޮށް ހިންދާލުމުގައި ފުލުހުންގެ ފަރާތުން ފެނުނު ކެތްތެރިކަމާއި ހުޝިޔާރުކަމާއި ޕްރޮފެޝަނަލިޒަމްއަށް ތަޢުރީފުކޮށް ސާބަސް ރައްދުކުރާކަމަށް ވިދާޅުވެފައެވެ. އަދި މުޖުތަމަޢުގެ ތެރޭގައި އެއްވެސްބަޔަކު ހަމަނުޖެހުމާއި ބިރުވެރިކަން އުފެއްދުމަކީ އާންމު ރައްޔިތުން ބަލައިގަންނަ ކަންކަމެއްނޫންކަން އެންމެންވެސް ދަންނަންޖެހޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.


އެމްޑީޕީން ރޭ މާލޭގައި ކުރިއަށްގެންދިޔަ އެއްވުމުގައި ކުރިން ހުއްދަ ދެވިފައިވާ ރޫޓާ ޚިލާފަށް މަޖީދީމަގުން ކުރިއަށްދާން ފެށުމާ ގުޅިގެން އެގޮތަށް ޢަމަލު ނުކުރުމަށް ފުލުހުން ވަނީ ތަކުރާރުކޮށް ނަސޭހަތްތެރިވެ އިންޒާރުދީފައެވެ.

ނަމަވެސް އެކަމަށް އިޖާބަ ނުދީ އެއްވުމުގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މި ޢަމަލުތައް ހިންގި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.