ތަންފީޒީ އިދާރާތަކުގައި ޚިދުމަތްކުރާ މުވައްޒަފުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެކަމަށާއި، މުހިންމީ ހުނަރާ ޤާބިލުކަމާއި މަސައްކަތަށް ބަހައްޓާ ޝަޢުގުވެރިކަންކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގައި ބާއްވާ ފުރަތަމަ ވިމެން އިން ޕޮލިސިން ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މޯލްޑިވްސް ވިމެން އިން ޕޮލިސިން ސަމިޓްގައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ކަސްޓަރމްސް ސަރވިސް ހިމެނޭހެން އެ އިދާރާތަކުގެ މެދުގައި "ދި އިނޓަރ އެޖެންސީ ޑިކްލަރޭޝަން އޮން ލީޑަޝިޕް ކެޕޭސިޓީ ޑިވެލޮޕްމަންޓް އޮފް ވިމެން އިން ސެކިއުރިޓީ އެންޑް އެންފޯސްމަންޓް ސެކްޓަރ އޮފް ދަ މޯލްޑިވްސް"ގައި ސޮއިކޮށްފައެވެ.
އެ އެއްބަސްވުމަށް އިޝަރާތްކުރައްވާ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ތަންފީޒީ އިދާރާތައް ގުޅިގެން ފަށާފައިވާ މި މަސައްކަތަކީ، ރާއްޖޭގައި ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދީ ކުރިއަރާ ދިއުމަށް ހުޅުވައިދޭ ވަރަށް މުހިންމު ދޮރެއްކަމަށެވެ. އަދި މިއީ މުޅި ދާއިރާއަށް ވަރަށް މުހިންމު ފެށުމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
ދާޚިލީ ވަޒީރު ވިދާޅުވީ ތަންފީޒީ ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުންގެ ހިތްވަރާ ޢަޒުމަކީ، ކުރިމަތިވާ ޙާލަތްތަކާއި ގޮންޖެހުންތަކުން އަރައިގަނެ މުޖުތަމަޢުއަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބޭ ކަމެއްކަމަށެވެ. އަދި އެފަދަ މަޤާމުތަކުގައި އަންހެނުންނާ މެދު މުޖުތަމަޢު ދެކެމުން އައި ގޮތް ބަދަލުވެ، އަންހެނުންނަކީވެސް ލީޑަޝިޕްގެ ބޮޑެތި ޒިންމާތައް އަދާކުރެވޭ ބައެއްކަން ސާބިތުކޮށްދެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ޖިންސުގެ ތަފާތުކުރުންތައް ނައްތާލައި، ހަމަހަމަ ފުރުޞަތަކަށް ސަރުކާރުން ދޭ އިސްކަން ހާމަވާ ކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ޤާނުނު ތަންފީޒުކުރުމުގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަކީ ސަރުކާރު އަދި ރައީސްގެ ބޮޑު ތަޞައްވުރެއް. ޒަމާނީ ތަމްރީންތަކާ ތައުލީމާ، ކުރިއަރާ ދިއުމުގެ ފުރުޞަތު މިފަދަ އިދާރާތަކުގެ އަންހެން މުވައްޒަފުންނަށް މިވަނީ ފަހިވެފައި. އަދި ވަރަށް ގިނަ އިސްލާހުތަކާ ހެޔޮ ބަދަލުތައް މުޅި ދާއިރާއަށް ދަނީ ގެންނަމުން." ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ދާއިރާގެ މިސްރާބު ވަރަށް ސާފުކަމަށާއި އިސްކުރާނީ މީހާގެ ހުނަރާ ޤާބިލުކަމާ މަސައްކަތަށް ބަހައްޓާ ޝަޢުގުކަމަށެވެ. ވަޒީރު ވަނީ ޖިންސީ ތަފާތުކުރުން ނުގެންގުޅުއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ވަޒީރު ވިދާޅުވީ ޤައުމުތަކާއި، ބައިނަލްއަޤްވާމީ އެކި އިދާރާތަކާއެކު އޮތް ގުޅުމަކީވެސް، ތަންފީޒީ އިދާއިރާތަކުގެ ކުރިއެރުމަށް ލިބޭ ބޮޑު ބާރެއްކަމަށެވެ. އެގޮތުން ދުނިޔޭގެ ކުރިއަރާފައިވާ އިދާރާތަކާއި ޤައުމުތަކުގެ ތަޖުރިބާކާރުންގެ ޚިޔާލާ ތަޖުރިބާއަކީ، ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމުގެ ދާއިރާގެ މުޅި ޚިދުމަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށްވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.