އެމްޑީޕީން މިރޭ ކުރިއަށްގެންދާ މުޒާހަރާގެ ބައިވެރިންގެ ފަރާތުން ފެނިގެންދަނީ ސުލްޙަވެރި ހަރަކާތެއްނޫންކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އެމްޑީޕީން އާޓިފިޝަލް ބީޗު ސަރަޙައްދުގައި މިރޭ ފެށި އެއްވުން، ފުލުހުންނާއެކު އެއްބަސްވިގޮތާ ޚީލާފުވެ، އެއްވުމުގެ ބައިވެރިން ވަނީ މަޖީދީމަގުން ފުލުހުންނާ ކުރިމަތިލާން ފަށާފައެވެ.
މި މުޒާހަރާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ފުލުހުންގެ އޮފިސަރަކު ޑިއުޓީގައި ހުއްޓާ، އޭނާގެ އަތުން ތަކެތި އަތުލުމަކީ ސުލްހަވެރި ސިޔާސީ އަމަލެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެއީ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ޒިންމާތަކަށް ހުރަސް އެޅުންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީން މިރޭ މާލޭގައި ކުރިއަށްގެންދާ އެއްވުމުގައި ކުރިން ހުއްދަ ދެވިފައިވާ ރޫޓާ ޚިލާފަށް މަޖީދީމަގުން ކުރިއަށްދާން ފެށުމާ ގުޅިގެން އެގޮތަށް ޢަމަލު ނުކުރުމަށް ފުލުހުން ވަނީ ތަކުރާރުކޮށް ނަސޭހަތްތެރިވެ އިންޒާރުދީފައެވެ.
ނަމަވެސް އެކަމަށް އިޖާބަ ނުދީ އެއްވުމުގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މި ޢަމަލުތައް ހިންގި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވިދާޅުވިއެވެ.