މިމަހުގެ 4-9 އަށް މާލެ އެކުވެނި ސިންތެޓިކް ޓްރެކްގައި ބާއްވަން އުޅުނު އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ބާއްވާ ތާރީހު ފަސްކޮށްފިއެވެ.
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ މިހާރު އިންޓަރ ސުކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަށާ ތާރީހު ބަދަލުވެފައިވާ ކަމަށާއި، މިހާރު ހަމަޖެހިފައިވަނީ އޮކްޓޫބަރު 6-12 އަށް މި މުބާރާތް ކުރިޔަށް ގެންދިއުމަށްކަމަށެވެ.
މުބާރާތް ފަސްކުރި ސަބަބެއް އެސޯސިއޭޝަނުން ހާމައެއް ނުކުރެއެވެ. މި މުބާރާތަކީ ގިނަ އަދަދެއްގެ ސުކޫލު ދަރިވަރުން ވަރަށް ފޯރީގައި ތައްޔާރުވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ރޭސްތަކުގެ ތެރޭގައި 80 މީޓަރު، 100 މީޓަރު، 200 މީޓަރު، 400 މީޓަރު، 800 މީޓަރު، 1000 މީޓަރު، 3000 މީޓަރު އަދި 5000 މީޓަރުގެ ދުވުން ހިމެނެއެވެ.
މީގެ އިތުރުން ރިލޭ އާއި ހާޑްބޯލް ތްރޯ އާއި ހާޑްލްސްއާއި ހައި ޖަމްޕާއި ލޯންގް ޖަމްގާއި ޓްރިޕްލް ޖަމްޕް ހިމެނެއެވެ. އަދި ޝޮޓްޕުޓް އާއި ޖެވެލިން އަދި ޑިސްކަސް ހިމެނެއެވެ.
6 އޮކްޓޫޞަރުގައި ފަށާ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 13 އަހަރުން ދަަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 20 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުން އެކި އިވެންޓްތައް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި އަންހެން އަދި ފިރިހެން ކެޓަގަރީން ޖުމްލަ 110 އިވެންޓް ކުރިޔަށް ދާނެއެވެ.
މިއަހަރު ކުޅީކޮޅު ވަނީ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ބާއްވާފައެވެ. އަދި ކުޅުދުއްފުޓާއި ފުވައްމުލައް ސިޓީގައިވެސް ވަނީ އިންޓަރ ސުކޫލު އެތުލެޓިކްސް މުބާރާތްތައް ބާއްވާފައެވެ.