ޚަބަރު

ޓްރަމްޕުގެ ހުށަހެޅުމަށް އެއްބަސްވުމަށް މިޞްރުން ޙަމާސަށް ބާރުއަޅަނީ


2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ހުށަހެޅުން ޤަބޫލުކުރުމަށް ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތަށް ބާރުއަޅަމުންދާ ކަމަށް މިޞްރުން ބުނެފިއެވެ.

ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ވަނީ ޔަހޫދީންނަށް އަމާޒުކޮށް ޖިހާދީ ޙަމަލާއެއް ދީފައެވެ. އެ ޙަމަލާގެ ބަދަލުގައި ޔަހޫދީން ވަނީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް ވަރުގަދަ ޙަމަލާތައް އެ ސަހަރަށް ދޭން ފަށައިފައެވެ. ޙަމަލާތަކަށް ދެ އަހަރު ފުރެން ގާތްވެފައިވާއިރު، ޔަހޫދީން ވަނީ ޣައްޒާގެ 66،000އަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލައިފައެވެެ. ޔަހޫދީން ދަނީ ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ހުރަސްއަޅައި ޣައްޒާގެ ރައްޔިތުން ގަސްތުގައި ބަނޑަށް ޖައްސަމުންނެވެ.

މިޞްރުގެ ޚާރިޖީ ވަޒީރު، ބަދްރު ޢަބްދުލްޢާޠީ ވިދާޅުވީ ޢުދުބާން ހުއްޓައިލުމަށް ޓްރަމްްޕް ހުށަހަޅުއްވާފައިވާ ހުށަހެޅުން ބަލައިގަތުމަށް ޤަޠަރާއި ތުރުކީވިލާތާއެކު މިޞްރުން ވެސް ޙަމާސަށް ހިތްވަރުދެމުންދާ ކަމަށެވެ. ޙަމަާސުން އެ ހުށަހެޅުން ބަލައިނުގެންފިނަމަ ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ޢަބްދުލްޢާޠީ އިތުރަށް ވިދާޅުވީ ޙަމާސުން ހަތިޔާރު ބަހައްޓަންޖެހޭ ކަން ވަރަށް ސާފު ކަމަށެވެ. ހަމައެއާއެކު ޣައްޒާއަށް ޙަމަލާދިނުން ކުރިއަށް ގެންދިޔުމަށް ޔަހޫދީންނަށް ހުއްޖަތެއް ހޯދައިދީގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޔަހޫދީން ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރަމުންދަނީ ޙަމާސް ނައްތާލުމުގެ ނަމުގައި ކަމަށް ވާއިރު، ޙަމަލާ ދިނުމަށް އޮތް ބަހަނާއެއްގެ ގޮތުގައި ޙަމާސް އޮތް އޮތުން ފޮހެލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ޣައްޒާއަށް މިހާރު ދެމުންދާ ޢުދުވާނީ ޙަމަލާތަކަކީ އޮކްޓޯބަރު މަހުގެ 7ވަނަ ދުަވަހު ޙަމާސުން ދިން ޖިހާދީ ޙަމަލާއާ ގުޅުމެއް ނެތް ޙަމަލާތަކެއްގެ ގޮތުގައި ވެސް އޭނާ ވަނީ ސިފަކުރައްވައިފައެވެ. މިއީ ބަދަލުހިފުމުގެ ގޮތުން ދޭ ޙަމަލާތަކެއް ނޫން ކަމަށާއި، މިއީ ބައެއްގެ ނަސްލު ނައްތާލުމަށް ދެމުންދާ ޙަމަލާތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަފްތާގެ ކުރީކޮޅު ވައިޓް ހައުސުން ވަނީ ޙަމަލާ ބަދަލުކުރުން ވަގުތުން ހުއްޓައިލުމާ ގުޅޭ 20 މާއްދާގެ މައްޗަށް އެކުލެވޭ ކަރުދާހެއް ތައްޔާރުކޮށްފައެވެ. އެ ހުށަހެޅުމުގައި ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުންނާއި ޔަހޫދީ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންނާ ބަދަލުކުރުމަށް ހުށަހަޅާފައިވެއެވެ. އަދި މަރުޚަލާތަކަކަށް ބަހާލައިގެން ޣައްޒާއިން ޔަހޫދީ ސިފައިން ފޭބުމާއި، ޙަމާސުން ހަތިޔާރު ބެހެއްޓުމާއި، ޣައްޒާގައި ވެރިކަން ކުރުމަށް ބައިނަލްއަޤްވާމީ ބައިވެރިވުން އޮންނަ އިންތިޤާލީ ސަރުކާރެއް އެކުލަވައިލުން ހިމެނެއެވެ. ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހު އެމެރިކާއިން ވަނީ އެ އެއްބަސްވުން ބަަލައިގަތުމަށް ޙަމާސަށް 3 ނުވަތަ 4 ދުވަހުގެ މުހުލަތެއް ދީފައެވެ.

ޢަބްދުލްޢާޠީ ވިދާޅުވީ ޓްރަމްޕްގެ ހުށަހެޅުމަށް އޭނާ ވަރަށް ބޮޑަށް ތާއީދު ކުރައްވައި ކަމަށެވެ. ނަމަވެސް އެ ހުށަހެޅުން ތަންފީޒު ކުރުމާ ގުޅޭ އިތުރު މަޝްވަރާތައް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހުށަހެޅުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން އެހެން ސަރަޙައްދަކަށް ބަދަލުވުމަށް މަޖުބޫރުކުރުވުމަށް މަގުފަހިވެދާނެތޯ ސުވާލު ކުރުމުން ޢަބްދުލްޢާޠީ ވިދާޅުވީ އެ ގޮތަށް ކަންތައްތައް ވުމަށް މިޞްރުން އެއްވެސް ޙާލަތެއްގައި ފުރުޞަތު ނުދޭނެ ކަމަށެވެ.