ޚަބަރު

ވީއޭއެމް ހިންގުމުގައި ކުޅިވަރު ވުޒާރާގެ އެއްބާރުލުން ބޮޑު: ލަތީފް


ވީއޭއެމް ހިންގުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ބޮޑުކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ލަތީފް މިހެން ވިދާޅުވީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރިންނާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ދެމެދު ކުރިއަށްދިޔަ ބައްދަލުކުރެއްވުމަކަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުންނެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ކުޅިވަރު ވުޒާރާގައެވެ. މި ބައްދަލުވުމާއި ގުޅޭގޮތުން ލަތީފް ވިދާޅުވީ އެބައްދަލުވުމަކީ ވީއޭއެމްގެ އައު އެކްސްކޯގެ ފަރާތުން ކުޅިވަރު ވަޒީރަށް ކުރެއްވި އިހުތިރާމުގެ ޒިޔާރެއްކަމަށެވެ. އަދި ވީއޭއެމް ކާމިޔާބުކަމާއި އެކު ހިންގުމުގައި ކުޅިވަރު ވުޒާރާގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާކަމަށް ލަތީފް ފާހަގަކުރައްވާފަވެއެވެ.

"މިއީ އައު އެކްސްކޯގެ ފަރާތުން ވަޒީރުގެ އަރިހަށް ކުރި އިހްތިރާމުގެ ޒިޔާރަތެއް. ވަޒީރު ގެންދަވަނީ ވީއޭއެމްގެ އެންމެހާ ކަންކަމެއްގައި އެއްބާރުލުން ވަރަށް ބޮޑަށް ދެއްވަމުން" ލަތީފް ވިދާޅުވިއެވެ.

ކުޅިވަރު ވަޒީރާއި ވީއޭއެމްގެ އިސްވެރިންނާއި ދެމެދު ކުރިއަށްދިޔަ މިބައްދަވުމުގައި ދެފަރާތުން ވަނީ ވޮލީ އާއި ގުޅުންހުރި ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ. މިގޮތުން އެއެސޯސިއޭޝަނުން ކުރިއަށް ރާވާފައިވާ ހަރަކާތްތަކާއި އަންނަ އަހަރަށް ރާވާފައިވާ ބައެއް ހަރަކާތްތަކުގެ މައުލޫމާތު އެއެސޯސިއޭޝަނުން ވަނީ ވަޒީރަށް ދެއްވާފައެވެ. އޭގެ އިތުރުން އެވުޒާރާގެ ފަރާތުން ވީއޭއެމްއަށް ދެއްވަމުންދާ ފުރިހަމަ އެއްބާލުލެއްވުމަށް އެއެސޯސިއޭޝަނުގެ ފަރާތުން ވަޒީރަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ.
މި ބައްދަލުވުމުގެ ތެރެއިން ވީއޭއެމްއިން ވަނީ މިކުޅިވަރުގައި ދިމާވާ ދަތިތައް ވަޒީރާއި ހިއްސާކުރައްވާފައެވެ. މިގޮތުން ޓީމުތަކަށް ފަރިތަކުރުން ބާއްވާނެ އެކަށީގެންވާ ކޯޓުތަކެއް ނެތުމުގެ ކަންބޮޑުވުން އެއެސޯސިއޭޝަނުން ފާޅުކުރެއްވިއްއެވެ. އަދި ވީއޭއެމްގެ ކަންބޮޑުވުމާއި އެއްގޮތަށް މިކަންކަމަށް ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީން ވަޒީރު އެއެސޯސިއޭޝަނަށް ދެއްވާފަވެއެވެ.

"ޕްރެކްޓިސްކުރާނެ ތަންތަން ނެތުމުގެ ކަންބޮޑުވުން އަޅުގަނޑުމެން ފާޅުކޮށްފަވާނެ. އަދި އެކަމަށް ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެކަމަށް ވަޒީރުވަނީ ވިދާޅުވެފަ. މައިގަނޑުގޮތެއްގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ އިންފްރާސްޓްރަކްޗަރގެ މައްސަލަތައް. އެހެންނަމަވެސް މިކަންކަމަށް ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ވަޒީރުވަނީ ދެއްވާފަ. އަޅުގަނޑުމެން މިތިބީ ވަރަށް ހިތްހަމަޖެހިގެން" ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ ވީއޭއެމްގެ ކޮންމެ ކަމެއްގައި ކުޅިވަރު ވުޒާރާއިން އަންނަނީ ވަރަށް ގާތުން އެހީތެރިކަން ފޯރުކޮށްދެއްވަމުންކަމަށެވެ. މިގޮތުން ރާއްޖޭގައި ކުރިއަށްދިޔަ ބައިނަލްއަޤްވާމީ މުބާރާތްތައްވެސް ކާމިޔާބުކަމާއިއެކު ކުރިއަށް ދިޔައީ ވަޒީރުގެ އެއްބާރުލެއްވުމާއި އެހީތެރިކަމުގެ ސަބަބުންކަމަށް ލަތީފް ފާހަގަކުރެއްވިއެވެ.

"އެސޯސިއޭޝަނުގެ ކަންކަން ވަޒީރު ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުން. މިއަހަރު ރާއްޖެއަށް އިންޓަނޭޝަނަލް ތިން މެޑަލެއް ލިބިފަވޭ. މިކާމިޔާބީގެ ފަހަތުގައި ކުޅިވަރު ވަޒީރުގެ ބޮޑު އެއްބާރުލެއްވުމެއް އެބައޮތް. އެހެންކަމުން އަޅުގަނޑުމެން މިތިބީ ވަރަށް އުފަލުން. މި ފުރުސަތު އަދިވެސް އެއްފަހަރު ވަޒީރަށް ޝުކުރުއަދާކޮށްލަން ބޭނުންވޭ" ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ މިދިޔަ އަހަރާއި މިއަހަރަކީ ވޮލީގައި ކާމިޔާބު އަހަރުތަކެއްކަމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ ތިން މުބާރާތަކުން ރާއްޖެއަށް ރަންވަނަތަކެއް ލިބިފަވާއިރު، ކާވާ މެންސް ޗެމްޕިއަން ލީގު މިއަހަރުގެ ޖުލައިމަހު ރާއްޖޭގައި ކުރިއަށް ދިއުން ފާހަގަކޮށްލެވެއެވެ. އަދި ކާވާ ވިމެންސް ޗެމްޕިއަން ލީގު މިއަހަރުގެ ޑިސެމްބަރުމަހު ރާއްޖޭގައި ބާއްވާގޮތަށް މިހާރުވަނީ ތާވަލުކުރެވިފައެވެ.