ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލާއެކު ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާވެ، ކުރިއަރާނެކަމުގެ އުންމީދު ބޮޑުކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުވަރިޒަމް އިންޑަސްޓަރީ، (މަޓީ)ގެ ވައިސް ޗެއަރމެން ހުސެއިން އަފީފް ވިދާޅުވެއްޖެއެވެ.
އަފީފް މިހެން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި މަޓީން ބޭއްވި ގާލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ގާލާގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުވަރިޒަމް އިންޑަސްޓަރީ، (މަޓީ)ގެ ވައިސް ޗެއަރމެން ހުސެއިން އަފީފް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތައްކަމަށެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލާއެކު ކުރިމަގުގައި ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާވެ، ކުރިއަރާނެކަމުގެ އުންމީދު ބޮޑުކަމަށް އަފީފް ވިދާޅުވިއެވެ. ނަމަވެސް، މި ކުރިއެރުމަށް ތައްޔާރުވުމުގެ ގޮތުން އަސާސީ ވަސީލަތްތައް ޤާއިމުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށާއި، ވަސީލަތްތައް ޤާއިމުނުކޮށް، ލަފާކުރެވޭ އަދަދަށް ފަތުރުވެރިން އަންނަން ފަށައިފިނަމަ، ފަތުރުވެރިކަމުގެ ފުރަތަމަ ދުވަސްވަރު ދިމާވި ދަތުރުފަތުރުގެ ދަތިތައް އަލުން ތަކުރާރުވުމަކީ އެކަށީގެންވާ ކަމެއްކަމަށް އަފީފް ވިދާޅުވިއެވެ. އެހެންކަމުން މުސްތަޤުބަލަށް ރޭވުންތެރިކަމާއެކު ތައްޔާރުވުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި އަފީފް ވިދާޅުވިއެވެ.
"މިއަދުވެސް ފަތުރުވެރިން އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް އަޅުގަނޑުމެން އެންމެ ބޮޑަށް ބަރޯސާވަނީ ވައިގެ ދަތުރުފަތުރަށް. މާދަމާ ސީޕްލޭންއަށް މައްސަލައެއް ދިމާވެގެން އެ އޮޕަރޭޓްނުކުރެވިއްޖެނަމަ ކިހިނެއްތޯ ވާނީ؟ އަޅުގަނޑުމެންގެ އެއްވެސް ބެކަޕް ޕްލޭނެއް ހަގީގަތުގައި ނެތް. އެހެންކަމުން އަޅުގަނޑު ދެކޭގޮތުގައި ދަތުރުފަތުރުގެ މައްސަލަތައް ހައްލުކުރުމަށް ޒުވާން ދިވެހިން އަޅުގަނޑުމެންނާއެކު ބައިވެރިވެ، އައު އީޖާދީ ޚިޔާލުތައް ހުށަހަޅައި، އައު ވިޔަފާރިތައް ފަށައިގަތުން އެއީ އަސްލު ހަގީގަތުގައި ވަރަށް ރަނގަޅު ކަމެއް." މަޓިގެ ވައިސް ޗެއަރމެން ހުސެއިން އަފީފް ވިދާޅުވިއެވެ.
އަފީފްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް އަމިއްލަ ފަރާތްތަކުގެ އިތުރުން ސަރުކާރުންވެސް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ކާމިޔާބީގެ މައިގަނޑު ސިއްރަކީ އަހަރުތަކެއް ވަންދެން ސަރުކާރުން ގެންގުޅެފައިވާ އެއްބާރުލުން ދިނުމުގެ ސިޔާސަތުކަމަށެވެ.
"ސަރުކާރުން އަބަދުވެސް އިސްކަންދީފައިވަނީ ސިނާޢަތުގެ ބައިވެރިންނާއި އެހެނިހެން ފަރާތްތަކުގެ ބަސް އަޑުއަހައި، އެފަރާތްތަކާ އެކު ގުޅިގެން މަސައްކަތް ކުރުމަށް. މިއީ މުސްތަޤްބަލުގައިވެސް އަޅުގަނޑުމެން އަމަލުކުރަންޖެހޭ ގޮތް. އެހެންކަމުން މި ސިނާޢަތުގެ ބައިވެރިންނަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށާއި، ފަތުރުވެރިކަމުގެ ވާހަކައިގެ ދެން އޮތް ޗެޕްޓަރ ލިޔުމަށް، އަޅުގަނޑުމެން ސަރުކާރުން ސިނާޢަތުގެ ބައިވެރިންނާއި ގުޅިގެން އަބަދުވެސް މަސައްކަތްކުރާނަން." ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ މުޅި ދުނިޔޭގެ އެތައް ބަޔަކު ޒިޔާރަތްކުރަން ބޭނުންވާ އެންމެ މަޝްހޫރު މަންޒިލްގެ ގޮތުގައި އަދިވެސް ދެމިއޮތްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ރާއްޖެއަށް ލިބިފައިވާ ނަން ދެމެހެއްޓުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާނެކަމަށެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވަނީ ކުރުނބާ މޯލްޑިވްސްގައި ގާލާއެއް ބާއްވާފައެވެ. މި ގާލާގައި މަޓީގެ މެންބަރުންނާއި، ސަރުކާރުގެ އިސް ފަރާތްތަކާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވިއެވެ.