ޚަބަރު

ބައިނަލްއަގްވާމީ މާޝަލްއާޓްސް މުބާރާތަކުން ރަން މެޑަލް ރާއްޖޭގެ ސައިފްޝާނަށް


ސްރީލަންކާގައި އޮތް ބައިނަލްއަގްވާމީ މާޝަލް އާޓްސް މުބާރާތަކުން ރާއްޖޭގެ މުހައްމަދު ސައިފްޝާން އަބުދުالله ރަން މެޑަލް ހޯދައިފިއެވެ.

“އަންލީޝް އެބްޒޮލިއުޓް ވޮރިއާސް ފައިޓް ޕްރޮމޯޝަން”ގެ ނަމުގައި ލަންކާގައި ކުރިޔަށް ގެންދިޔަ މި މުބާރާތުން ސައިފްޝާން އެއްވަނަ ހޯދީ ސްރީލަންކާގެ ނަގުލެޝަވަރަން ސްރިހަރިޝް އާއި ވާދަކޮށް ވަރުގަދަ ކުރިމަތިލުމަކަށްފަހުގައެވެ. ފައިނަލް ފައިޓް އޭނާ ކާމިޔާބު ކުރީ ފަސް މިނިޓްގެ ތިން ބުރުގެ ކުރިމަތިލުމަށްފަހުގައެވެ.

ކޮލަމްބޯގެ ރޯޔަލް މާސް އެރީނާގައި ކުރިޔަށްދިޔަ މި މުބާރާތުން ސައިފްޝާން މި ހޯދި ކާމިޔާބީއާއެކު އޭނާ ވެފައިވަނީ މިފަދަ މުބާރާތެއްގައި ވާދަކޮށް ރާއްޖެއަށް ފުރަތަމަ ރަންމެޑަލް ހޯދި ފައިޓަރއަށެވެ.

މުއޭ ތައި އެންޑް މިކްސްޑް މާޝަލް އާޓްސް އެކަޑަމީން ބުނީ ސައިފްޝާންގެ މި ކާމިޔާބީއަކީ ރާއްޖެއަށް ލިބުން ބޮޑު ކާމިޔާބީއެއް ކަމަށާއި ރާއްޖޭގެ ކޮމްބެޓް ސްޕޯޓްސްއިން ބައިނަލްއަގްވާމީ މައިދާނުގައި ހުޅުވުނު އައު ސޮފްހާއެއް ކަމަަށެވެ.

ސައިފްޝާން މި މުބާރާތަށް ތައްޔާރުކުރީ ހެޑް ކޯޗު މުހައްމަދު ޝަނާސްއެވެ. މި މުބާރާތުގައި އޭނާ ވާދަކުރީ ފައިޓް ސޯލް މޯލްޑިވްސް އާއި މުއޭ ތައި އެކަޑަމީގެ ނަމުގައެވެ.

ފައިޓް ސޯލް މޯލްޑިވްސް ޖިމްގައި ތަމްރީނުތައް ފުރިހަމަކޮށް މި މުބާރާތަށް އޭނާ ތައްޔާރުވުމަށް އެކުގައި މަސައްކަތް ފައިޓް ޓީމް އަދި ޓްރޭނިން ޕާޓްނަރސްގެ ދައުރު ބޮޑުކަމަށާއި މި ކާމީޔާބީގައި އެފަރާތްތަކުގެ ހިއްސާވާ ކަމަށް މުއޭ ތައި އެންޑް މިކްސްޑް މާޝަލް އާޓްސް އެކަޑަމީން ބުނެއެވެ.