ޚަބަރު

ރައީސްކަމަށް މެންބަރު ޝަރީފު ހަމަޖައްސާ ވިކްޓްރީ ސްޕޯޓްސް ކުލަބުގެ އައު ބޯޑު އިއުލާނުކޮށްފި


ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި އޮތް ކުލަބު ވިކްޓްރީ ސްޕޯޓްސް ކުލަބުން އައު ބޯޑެއް އެކުލަވާލާ ބޯޑުގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަބުދުﷲ ޝަރީފު އިންތިހާބުކޮށްފިއެވެ.

ވިކްޓްރީން އައު ބޯޑެއް އިންތިހާބުކޮށްފައިވަނީ ވިކްޓްރީގެ ރައީސް ހުސެއިން އާދަމް ފިޔަވާ ދެން ތިބި ހުރިހާ މެންބަރުން އިސްތިއުފާދިނުމުންނެވެ. އަލުން ވަރުގަދަކޮށް އެނބުރި އައުމަށް ވިކްޓްރީގެ ބޯޑަށް ބޮޑު ބަދަލެއް އައިސްފައިވާއިރު ބޯޑުގައި ސަރުކާރުގެ އިސްވެރިން ހިމެނެއެވެ. އޭގެ ތެރޭގައި ވިކްޓްރީގެ ނައިބު ރައީސްކަމަށް އިންތިހާބުކޮށްފައިވަނީ ކުރިން އެ ކުލަބުގެ ޗެއާޕާސަންކަމާއި ވައިސް ޗެއާޕާސަންގެ މަގާމު އަދާކުރި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމެވެ. ވިކްޓްރީގެ ނައިބު ރައީސްކަމަށް ދެން އިންތިހާބުކޮށްފައިވަނީ ހެލްތް މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހިމާއި އަބުދުﷲ ވަހީދެވެ.

ބޯޑު މެންބަރުންނަކީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ލަތީފު، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބުރާހިމް ޝިއުރީ، ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީއެވެ.

ވިކްޓްރީގެ ޖެނެރަލް ސެކެއްޓްރީކަމަށް ހަމަޖައްސާފައިވަނީ އާރްޑީސީގައި މަސައްކަތްކުރާ ހުޒާމް ހުސެއިންއެވެ. ހަޒާންދާރަކަށް މުހައްމަދުު މުޖާހު މުނީރެވެ. މީގެ އިތުރުން ބޯޑު މެންބަރުންގެ ތެރޭގައި ވިކްޓްރީގައި ކުރިންފެށިގެންވެސް ހިދުމަތް ކުރަމުން އަންނަނ އަހުމަދު ރިޔާޒު އަދި އަހުމަދު އަރީޝްގެ އިތުރުން އައިޝަތު ރައިހާނާއެވެ.

ވިކްޓްރީން ވަނީ ކުލަބު ވަރުގަދަ ކުރުމަށް ސްލޮވާކިޔާއާގެ ތަޖުރިބާކާރު ކޯޗެއްވެސް ހޯދާފައެވެ. ރޭ އައު ހިންގާ ކޮމިޓީ އިއުލާނުކޮށް އައު ކޯޗުގެ މަގާމަށް ގެރީ ހަމަޖެއްސިކަން އިއުލާނުކުރުމަށް ވިކްޓްރީ ސްޕޯޓްސް ކުލަބުން ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.