މިއަހަރު ނިމުމުގެ ކުރިން މާލެ ސިޓީގައި މަދުވެގެން 3000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައްޔިތުން ބޭނުންވާ ގޮތަށް، ހުރިހާ ދާއިރާއަކުން އެމަނިކުފާނު ވެފައިވާ ވަޢުދުތައް ފުއްދަވާނެކަމަށެވެ. މާލޭގެ އިތުރުން، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް އޮތް އެންމެ ބޮޑު، އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަކުރައްވާ ރައީސް ވަނީ، މިއަހަރުތެރޭ މާލެ ސަރަޙައްދުގައި 3000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫއެއް ފަށްޓަވާނެކަން ހާމަކުރައްވާފައެވެ.
"ބޯހިޔާވަހިކަމުގެ ދާއިރާއަށް ބެލިނަމަވެސް މި ގެންދަނީ އަޅުަގަނޑު ވަޢުދުވިގޮތަށް ކަންތައް ފުއްދަމުން. ދާދިއަވަހަށް ހަމަ މިއަހަރުތެރޭގަ މާލޭގަ އެންމެ މަދުވެގެން 3000 ހައުސިނ ޔުނިޓުގެ މަޝްރޫއެއް މާޅެ ސިޓީގަ މިއަހަރު ނިމުމުގެ ކުރިން އަޅުގަނޑު ފަށާނަން" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން ރައްޔިތުންނަށް ލިބިފައިހުރި ގޯތިތަކާއި، ފްލެޓްތަކަށް އެއްވެސް ބަދަލެއް ގެނައުމެއްނެތި ދެމުންދާކަން ފާހަގަކުރައްވައި، ވިދާޅުވީ ބޯހިޔާވަހިކަމުގެ ދާއިރާއިން އަލަށް ފެށޭ މަޝްރޫޢުތަކުން މާލޭއާއި، އަތޮޅުތަކުގެ ރަށްރަށުގައި ހުރި އެފަދަ މައްސަލަތަކަށް ހައްލުލިބިގެންދާނެކަމަށެވެ.
މީގެއިތުރުން، އެހެނިހެން ދާއިރާތަކުންވެސް ވެވަޑައިގެންނެވި ވަޢުދުތައް، ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކާއި އަދި ރައްޔިތުންނާ ގުޅިގެން ފުއްދަވާނެކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ.
އެގޮތުން، ފައިސާ ޗާޕުނުކޮށް ބޭރުގެ ދަރަންޏާއި، އެތެރޭގެ ދަރަނިތައް ދައްކަމުންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތައް ހަނދާންހުރިކަމަށާއި، ކުރިއަށްއޮތްތަނުގައިވެސް ވަޢުދުތައް ފުއްދަވާނެކަމަށް ވިދާޅުވިއެވެ.
ދުވަސްތަކަކަށްފަހު ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި އެޕާޓީއާއި ސަރުކާރަށް ތާޢީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
މިޖަލްސާގައި ރައްޔިތުންގެ މަޖިލީގުގެ ރައީސާއި، ސަރުކާރުގެ ވަޒީރުންނާއި ޕާޓީގެ މެންބަރުންވެސް ބައިވެރިވެވަޑައިގެނެނެވިއެވެ.
އަދި އެޕާޓީއާ އަލަށް ގުޅުނު ފަރާތްތަކުގެ މެންބަރޝިޕް ފޯމާއި ރައީސް ވަނީ ހަވާލުވެލައްވާފައެވެ.