ޚަބަރު

9 އަހަރު ފަހުން ވެލެންސިއާ އާއި ނިއު ލީގުގައި ބައްދަލުކުރި ފުރަތަމަ މެޗު ނިއުއަށް


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް ވެލެންސިއާ ބަލިކޮށް ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުރިއަށް ޖެހިލައިފިއެވެ. ނުވަ އަހަރު ފަހުން ރާއްޖޭގެ ލީގުގައި ދެޓީމުގެ ފުރަތަމަ ކުރިމަތިލުން ނިއު ކާމިޔާބުކުރީ 2-0 ންނެވެ.

މި ނަތީޖާއާ އެކު ލީގުގެ އެއްވަނާއިގަ އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ނިއުން ވަނީ ކުޅުނު ތިން މެޗުން 9 ޕޮއިންޓް ހޯދާފައެވެ. ނިއުރޭޑިއަންޓް އޮތީ ދެވަނައިގައެވެ. އެއީ ފައިދާ ގޯލުގެ ގޮތުން ދެޓީމު ހަމަހަމަވީ ނަމަވެސް ޖެހި ލަނޑުގެ ތަފާތުން މާޒިޔާއަށް ކުރި ލިބޭތީއެވެ.

ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މެޗު ފަށައިގެން ދެ ޓީމުން ވެސް އެޓޭކަށް ވިސްނާ ހަމަލާތައް އުފައްދަން ވަނީ މަސައްކަތް ކޮއްފައެވެ. މެޗުގެ 2 ވަނަ މިނިޓުގައި މުހައްމަދު އިރުފާން ނަގައިދިން ބޯޅައެއް ނިއުގެ ބްރެޒިލް މިޑްފީލްޑަރ ގޯމޭސް ޑިސިލްވާ ފޮނުވާލުމުން ދިޔައީ ބޭރަށެވެ.

މުޅި މެޗުގައި ވެސް ވެލެންސިއާ ލަނޑެއް ޖަހަން ލިބުނީ ހުސް އެންމެ ފުރުސަތެކެވެ. 5 ވަނަ މިނިޓުގައި އޭރިޔާ ބޭރުން ވެލެންސިއާގެ އީތަން އިބްރާހިމް ޒަކީ ނަގައިދިން ބޯޅައެއް ވެލެންސިއާގެ ސްޕެއިން ފޯވާޑް ބޮބާ ސިއްލާ ބޮލުން ޖެހުމުން ވަނީ ގޯލާ ސީދާ ނުވެފައެވެ.

ފުރަތަމަ ހާފުގައި 35 ވަނަ މިނޓުގައި ނިއުގެ ހަސަން ރާއިފް އަހުމަދު އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ނިއުގެ މުހައްމަދު ޝަހާއު ގައިގަ ޖެހިފަ ދިޔައީ ބޭރަށެވެ. އޭގެ ފަހުން ފުރަތަމަ ހާފު ނިމެން ދަނިކޮށް ނިއުގެ އަލީ ފާސީރު އޭރިޔާ ބޭރުން ގޯލުގެ މަތީ ކަނާ އަމާޒުކޮށް ފޮނުވާލި ހިލޭޖެހުން ކީޕަރު ވަނީ ދިފާއުކޮއްފައެވެ.
\
މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާ ކުރިއަށް އަރައިގެން ކުޅުނު ނަމަވެސް ދެވަނަ ހާފުގައި އެޓީމުގެ ފަރާތުން ފެނިގެންދިޔައީ ދިފާއީ ކުޅުމެކެވެ.

ނިއުރޭޑިއަންޓުން ވެލެންސިއާ ކޮޅަށް ފުރަތަމަ ލަނޑު ވައްދާލީ މެޗުގެ 60 ވަނަ މިނިޓުގައި ޑިސިލްވާ ނަގައިދިން ބޯޅައެއް ވެލެންސިޔާގެ އަހުމަދު އަތުވާން އަލީ ބޮލުގައި ޖެހިފަ ދިޔުމުން އޭރިޔާ ތެރެއިން ފާސިރު ގޯލުގެ ތިރީކަނަނަށް އަމާޒުކުރި ބޯޅައެކެވެ.

ނިއުގެ ދެވަނަ ލަނޑު ފާސިރު ކާމިޔާބުކޮއްދިނީ ޕެންލްޓީއަކުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ 83 ވަނަ މިނިޓުގައއެވެ. އެއީ އޭރިޔާ ތެރެއިން ފާސިރު ފޮނުވާލި ބޯޅަ ވެލެންސިއާގެ މިސްރު ޑިފެންޑަރ ބަސެލް އަތުގައި ޖެހުމުން ލިބުނު ޕެނެލްޓީއެވެ.

ދެވަނަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ މާގިނަ ފުރުސަތުތަކެއް ނުލިބެއެވެ. ހަމަ އެހެންމެ ވެލެންސިއާގެ ކުރިއަށް ކުޅޭ ކުޅުންތެރިންނަށް އެޓީމުގެ މެދުތެރެއިން މާ ރަނގަޅު ބޯޅަތަކެއް ދެވިފައެއް ނުވެއެވެ.