ޚަބަރު

ބްރިޖުގެ މަސައްކަތް ދަނީ ޕްލޭންކުރެވިފައިވާ ގޮތަށް- މިނިސްޓަރ


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ޢަމަލީ މަސައްކަތް ހުއްޓިފައިވާ ކަމަށް އާންމުންގެ މެދުގައި ފެތުރެމުންދާ ޚަބަރުތައް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ދޮގުކުރައްވައިފިއެވެ. 

ޕީ.އެސް.އެމާ ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ބްރިޖްގެ މަސައްކަތަށް އެއްވެސް ވަރެއްގެ ހުއްޓުމެއް ނާންނަ ކަމަށާއި، ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާކަމަށެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ބައެއް ފަރާތްތަކުން އަޑުތައް ފެތުރި ނަމަވެސް، އެ މަސައްކަތަށް އެއްވެސް ވަރެއްގެ ހުއްޓުމެއް ނާންނަ ކަމަށާއި، ބްރިޖްގެ މަސައްކަތްތައް ދުވާލާ ރޭގަނޑުވެސް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ. ބްރިޖްގެ މާލޭ ސައިޓާއި، ހުޅުލޭ ސައިޓަށް ބެލި ނަމަވެސް އެ މަންޒަރުތައް އާންމުންނަށް ފެންނާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/6223.jpg|މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވާލަދޭނެ ބްރިޖު / 2018 މޭމަހު މިބްރިޖުގެ މަސައްކަތް ނިމެނޭ

ބްރިޖްގައި މިވަގުތު ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، ޓްރަސަލް ބްރިޖްތަކާ، ޕްލެޓްފޯމްތައް ގުޅުވާލުމުގެ މަސައްކަތާއި، އަސްލު ބްރިޖްގެ ތަނބުތައް ޖެހުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާ ކަމަށެވެ. ބްރިޖްގެ ޓައިމްލައިންގައިވާ ގޮތުން، އަސްލު ބްރިޖްގެ ތަނބުތައް ލޮނުގަނޑުމަތިން ފެންނަވަރު ވާނީ ސެޕްޓެމްބަރު މަހު ފަހުކޮޅުއެވެ. ހައުސިން މިނިސްޓްރީން ވިދާޅުވީ، ޓައިމްލައިންގައި ކަނޑައަޅާފައިހުރި ތާރީޚްތަކަށްވުރެ ކުރިއަށް މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، އަމާޒަކީ ބްރިޖްގެ ތަނބުތަކުގެ ކޮޅުތައް ކަނޑައެޅިފައިވާ ތާރީޚަށް ފެނިގެން ދިއުންކަމަށެވެ.  އާންމުންނަށް ނުފެނު ކަމުގައި ވިޔަސް، ބްރިޖްގެ ސައިޓްތަކާއި، ކަނޑުގެ އަޑީގައި ބޮޑެތި މަސައްކަތްތަކެއް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.