ކުޅިވަރު

ބަލިނުވެ މިގޮތުގައި ހިފަހައްޓާލުމަށް އޮތް ޕްރެޝަރު ބޮޑު: އޮޑީގެ ކޯޗު


މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އެއްވެސް މެޗަކުން ބަލިނުވެ ހިފަހައްޓާލުމަށް އޮތް ޕްރެޝަރު ބޮޑުކަމަށާއި އެހެންނަމަވެސް އުންމީދަކީ ކުރިއަށް އޮތް މެޗުގައިވެސް ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއްދައްކާ މެޗު ކާމިޔާބުކުރުންކަމަށް އޮޑި ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗު އަންދްރޭސް ގާސިއާ ބުނެފިއެވެ.

މިމުބާރާތުގައި މާދަމާރޭ ވިކްޓްރީ ސްޕޯޓްސް ކުލަބާއި ވާދަކުރަން ނުކުތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ސްޕެއިންގެ ތަޖުރިބާކާރު ކޯޗު ބުނީ ވިކްޓްރީއަކީވެސް މޮޅު ޓީމެއްކަމަށެވެ. ކުލަބު ގްރީން ސްޓްރީޓްސްއާއި ވާދަކޮށް މޮޅުވި މެޗުގައި ވިކްޓްރީން ދެއްކި ކުޅުން މޮޅުކަމަށް އޭނާ ފާހަގަކުރިއެވެ.

މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެ ތާވަލުގެ އުހުގައި އޮތް އޮޑިއަށް މިމުބާރާތުގައި އޮތް ޕްރެޝަރު ބޮޑުކަމަށް ހާމަކުރަމުން ކޯޗު ބުނީ މިމުބާރާތުގައި އެއްވެސް މެޗަކުން ބަލިނުވެ ކުރިއަށް ދިއުމަކީ ގޮންޖެހުމަކަށް ވާނެކަމަށެވެ. އެހެންނަމަވެސް އޮޑިން މަސައްކަތް ކުރާނީ ވަރުގަދަ އަޒުމެއްގައި މުބާރާތް ކާމިޔާބުކުރުމަށް އޭނާ ބުނެފަވެއެވެ.

"ކުރިއަށް މެޗު ފަސޭހައެއްނުވާނެ. އެހެންނަމަވެސް އޮޑިން މިވަނީ މިހާތަނަށް ކުޅުނު ދެ މެޗުވެސް ރަނގަޅު ކުޅުމެއްދައްކާ ކާމިޔާބުކޮށްފަ. އެހެންނަމަވެސް ކޮންމެ ފަހަރަކު ކާމިޔާބުނުވެ ހިނގައިދާނެ. ގައިމުވެސް ކުރިއަށް އޮތް މެޗު ފަސޭހައެއްނުވާނެ. ވިކްޓްރީއަކީ މޮޅު ޓީމެއް. އެންމެފަހުން ކުޅުނު މެޗުގައި އެޓީމުންވަނީ މޮޅުކުޅުމެއްދައްކާ މެޗު ކާމިޔާބުކޮށްފަ. އަހަރުމެންނަށް މިހާރު އޮތްގޮންޖެހުމަކީ މެޗަކުން ބަލިނުވެ މިގޮތުގައި ސާބިތުވެތިބުން" ގާސިއާ ބުންޏެވެ.

މިއަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ޓީމާއި ހަވާޅުވި ކޯޗު ބުނީ ކުރިއަށް މެޗަށް ޓީމު އޮތީ ތައްޔާރަށްކަމަށެވެ. ހުރިހާ ކުޅުންތެރިންވެސް ހިތްވަރާއެކު ފަރިތަކުރަމުން އަންނަކަމަށާއި ކާމިޔާބަށް ވާސިލުވުމަށް މަސައްކަތްކުރަމުން އަންނަކަމަށް ކޯޗު ހާމަކުރިއެވެ.

"އަހަރުމެންގެ ފެށުން މިދިޔައީ ވަރަށް ރަނގަޅަށް. ހުރިހާ ކުޅުންތެރިންވެސް ތިބީ ކުރިއަށް އޮތް މެޗަށް ތައްޔާރަށް" ނޫސްވެރިންނާއި ވާހަކަދައްކަމުން ކޯޗު ބުނެފަވެއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރަމުންދާ ޓީމުތަކުގެ ކުޅުން ރަނގަޅުކަމަށް ކޯޗު ބުންޏެވެ. އަދި މުބާރާތް ކުރިއަށްދާ ވަރަކަށް ހުރިހާ ޓީމަކުންވެސް ކުރިއެރުންތައް ފެންނަމުންދާކަމަށް ކޯޗު ބުނެފަވެއެވެ. އަދި ރާއްޖޭގެ ޓީމުތަކުގެ ކޯޗުންގެ ފެންވަރުވެސް ރަނގަޅުކަމަށާއި މިލީގަކީ ކުޅުންތެރިންނަށް ފައިދާތަކެއް ލިބިގެންދާނެ މުބާރާތަކަށްވާނެކަމަށް ކޯޗު ދެކެއެވެ.

"މިމުބާރާތުގެ ހުރިހާ މެޗެއްވެސް ގާތްގަނޑަކަށް ބަލައިފިން. ފާހަގަކުރެވުނުކަމަކީ އެއް މެޗަށްވުރެ އަނެއް މެޗުގެ ކުޅުން ކޮންމެ ޓީމަކުންވެސް ރަނގަޅުކުރިކަން. މާނައަކީ ކޮންމެ ޓީމަކުންވެސް ވަރަށް ރަނގަޅަށް މުބާރާތަށް ތައްޔާރުވަމުން އެބަ އާދެޔޭ. އެހެންކަމުން މުބާރާތުގެ ވާދަވެރިކަން ބޮޑުވާނެކަމަށް ގަބޫލުކުރެވޭ. އަހަރެން ދެކޭގޮތުގައި ރާއްޖޭގެ ޓީމުތަކުގެ ފެންވަރު ރަނގަޅު. ކޯޗުންވެސް މޮޅު، މުބާރާތްވެސް ކުރިއަށްދަނީ ރަނގަޅަށް. އެހެންވީމަ މިއީ ކުޅުންތެރިން ކުރިއަރަން ލިބޭ ފުރުސަތެއްކަމަށް ގަބޫލުކުރަން" ގާސިއާ ބުންޏެވެ.

ލީގަށް ތައްޔާރުވާންފެށިއިރުވެސް މުބާރާތުގެ ވާދަވެރިކަން ބޮޑުވާނެކަމަށް ހީކުރެވުނުކަމަށާއި، ވަކިން ޚާއްސަކޮށް ރާއްޖޭގައި ލީގު މިބޭއްވެނީ ދެއަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުކަމަށްވުމުން މުބާރާތަށް އޮތް ފޯރި ގަދަވެގެންދާނެކަމަށް ކޯޗު ފާހަގަކުރިއެވެ. ކޮންމެ ޓީމަކުންވެސް މުބާރާތާއި ކުރިމަތިލާނީ ކާމިޔާބު ހޯދަންކަމަށާއި، ކޮންމެ ޓީމަކުންވެސް އެންމެ މޮޅެތި ކުޅުންތެރިން ހޯދާ، ތަޖުރިބާކާރު ކޯޗުންގެ އިރުޝާދުގެ ދަށުން ޓީމުތައް ވަރުގަދަކުރާނެކަމީ ހަގީގަތެއްކަމަށް އޭނާ ބުނެފަވެއެވެ.

"ކޮންމެ ޓީމަކުންވެސް ބޭނުންވާނީ ވާދަކޮށް މޮޅަށްކުޅެ ލީގު ކާމިޔާބުކުރުމަށް، ރާއްޖޭގެ ލީގު މިފެށުނީ ދެއަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު. އެހެންކަމުން މިލީގަކީ ޓީމުތަކުން ކުރި ދިގު އިންތިޒާރެއްގެ ނިމުން. ކޮންމެ ޓީމަކުންވެސް މޮޅެތި ކުޅުންތެރިންނާއި ކޯޗުން ހޯދާ ޓީމުތައް ވަރުގަދަކުރި. އަހަރެން ދެކޭގޮތުގައި ރާއްޖޭގެ ލީގު އޮތީ ރަނގަޅު ލެވެލްއެއްގައި. ކުޅުންތެރިންގެ ކުޅުމާ ދޭތެރޭވެސް ވަރަށް ހިތްހަމަޖެހޭ. ވަރަށް ޝައުގުވެރިކަމާއެކު ޓީމުތަކުގެ ކުޅުން ބަލަމުންމިދަނީ" އީރާން އާއި ޗައިނާގައިވެސް މަސައްކަތް ކޮށްފައިވާ ކޯޗު، ރާއްޖޭގެ ޓީމުތަކާއި ގުޅޭގޮތުން ބުންޏެވެ.

މާދަމާ ވިކްޓްރީ ސްޕޯޓްސް ކުލަބާއި ވާދަކުރުމަށް ނުކުންނާނީ ތިން ޕޮއިންޓަށް އަމާޒުކޮށްގެންކަމަށް ކޯޗު ބުންޏެވެ. ޓީމު އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި، ކޮންމެ ކުޅުންތެރިއަކުވެސް ތިބީ މެޗަށް ތައްޔާރުވެ، ވާދަކުރުމުގެ ރޫހެއްގައިކަމަށް ގާސިއާ ފާހަގަކުރިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކުލަބާއި ވާދަކުރުމަށް އޮޑި ސްޕޯޓްސް ކުލަބުން ނުކުންނާނީ މާދަމާރޭ 09:00ގައެވެ. މި މެޗަށް ނުކުންނައިރު ކުޅުނު ދެ މެޗުން މޮޅުވެ އޮޑި ސްޕޯޓްސް ކުލަބުން ވަނީ 6 ޕޮއިންޓް ހޯދާފައެވެ. ވިކްޓްރީ އެންމެފަހުން ކުޅުނު މެޗު ކާމިޔާބުކޮށް ތިން ޕޮއިންޓް ހޯދާފައެވެ.