މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ބާޒާރަށް ގެސްޓް ހައުސްތަކުން 170އަށްވުރެ ގިނަ އެނދު ނެރެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއާއެެކު މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދުވަނީ 64،700 އަށް އަރާފައެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިއަހަރުގެ މިހާތަނަށް 925 ގެސްޓް ހައުސްއަކުން 15,798 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. އަހަރު ފެށުނުއިރު 929 ގެސްޓް ހައުސްއަކުން އޮޕަރޭޝަނަށް ގެނެސްފައިވަނީ 15,621 އެނދެވެ. އެހެންކަމުން މިއީ 177 އެނދުގެ އިތުރުވުމެކެވެ.
މިއާއެކު، މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 64,758 އެނދު ފަތުރުވެރިކަމަށް ނެރެފައިވާއިރު، މިއީ މިއަހަރު ފެށުނުއިރު ފަތުރުވެރިކަމަށް ނެރެފައިވާ 63,248 އެނދާއި އަޅާ ބަލާއިރު 1،510 އެނދުގެ އިތުރުވުމެކެވެ.
ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދު 64،700 އަށްވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 43,247 އެނދާއި، ގެސްޓު ހައުސްތަކުގެ 15,798 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 3,229 އެނދުގެ އިތުރުން ހޮޓާތަކުގެ 2,484 އެނދެވެ.
އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ ޢަދަދުތަކަށް ބަލާއިރު، 174 ރިސޯޓު، 925 ގެސްޓުހައުސް، 163 ސަފާރީ، 16 ހޮޓާ ހިމެނޭހެން ޖުމްލަ 1,278 ޓޫރިސްޓު ފެސިލިޓީއެއް ވަނީ މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައެވެ.
ރާއްޖެއިން ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ އަދަދު އިތުރުވެފައިވާއިރު، ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދަށްވެސް ދަނީ ކުރިއެރުން ލިބެމުންނެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 1,630,946 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު، 9.6 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,487,520 ފަތުރުވެރިންނެވެ.
މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ. މި އަމާޒު ހާސިލްކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.