ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް 170 އަށް ވުރެ ބައިވެރިންނާއެކު ފަށައިފިއެވެ. މިއަހަރު ކޮންފަރެންސް ބާއްވަނީ އިސްލާމީ މަރުކަޒުގެ ކޮންފަރެންސް ހޯލުގައިއެވެ.
މިކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސެއިން މުހައްމަދު ލަތީފްއެވެ. ނައިބް ރައީސްގެ އިތުރުން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރުވެސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ރިސްކް މެނޭޖްމަންޓް ފްރޭމް ވޯކާއި ސްޓޭޓް އިންޓަރނަލް އޮޑިޓް ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2026-2028 އިފްތިތާހް ކޮށްދެއްވާފައެވެ. މާލީ ވުޒާރާއިން ވިދާޅުވީ ރިސްކް މެނޭޖްމަންޓް ފްރޭމްވޯކްގެ ދަށުން ހިރާސްތައް ދުރާލާ ދެނެގަނެ، ތައްޔާރުވުމުގެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި މިއީ ޒިންމާދާރު ކަމާއެކު އިންތިޒާމުތައް ހަމަޖެއްސުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން އައު ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ތެރެއިން މިހާރު އޮތް ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ޑިޖިޓަލައިޒޭޝަނަށް އިސްކަން ދީގެން މަސައްކަތް ކުރާނެ ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.
މިއީ މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ 3 ވަނަ ކޮންފަރެންސަށްވާއިރު މިއަހަރުގެ ކޮންފަރެންސްގެ ޝިޢާރަކީ "ޑްރައިވިން ޕަބްލިކް ވެލިއު؛ އިންޓަރނަލް އޮޑިޓް އިން އީރާ އޮފް ޗެންޖް އެންޑް އެކައުންޓަބިލިޓީ" އެވެ. މިއަހަރު ކޮންފަރެންސްގެ ޝިޢާރު ބިނާވެފައިވަނީ ބަދަލުވަމުންދާ ވެއްޓެއްގައި ޖަވާބުދާރީ ކުރުވުމުގައި އިންޓަރނަލް އޮޑިޓްގެ ދައުރާއި އާންމު މަސްލަހަތު ކުރިއެރުވުމުގެ މައްޗަށެވެ. މާދަމާގެ ނިއަލަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގައި ދައުލަތުގެ އެކި އިދާރާތަކާއި މުޢައްސަސާތަކުން އޮޑިޓިން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވެއެވެ.
މިކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް އިންޓަރނަލް އޮޑިޓް ކޮމިޓީގެ ޗެއަރޕާސަން ރީމާ ރަޝީދު ވަނީ މިފަދަ ކޮންފަރެންސެއް ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެގޮތުން މި ކޮންފަރެންސްގެ ސަބަބުން މިދާއިރާ ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާނީ މިއީ ހަމައެކަނި ފަންނީ ހުނަރުތަކާއި މަޝްވަރާތަކަށް ބިނާވާ ކޮންފަރެންސެއް ނޫނޭ. މިއީ އަޅުގަނޑުމެންގެ އައު ދިރުމަށް ގެނެސްދޭ މަސައްކަތެއް. ކޮންފަރެންސް ބައިވެރިން ތަޖުރިބާއާއި ޚިޔާލު ބަދަލުކުރުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން" ރީމާ ވިދާޅުވިއެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ އޮޑިޓް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތަޖުރިބާތައް ޙިއްސާ ކުރާނެއެވެ. އަދި އިންޓަރނަލް އޮޑިޓަރުންނަށް ދިމާވާ ގޮންޖެހުންތަކާއި އެ މައްސަލަތައް ހައްލުކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން އަމަލީ ގޮތުން އޮޑިޓްކުރުމާއި އޮޑިޓް ރިޕޯޓުހެދުމުގެ ވޯކްޝޮޕްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް، މާލީ ވުޒާރާއިންވަނީ ވިދާޅުވެއެވެ.
ދައުލަތުގެ އިންޓަރނަލް އޮޑިޓަކީ ދައުލަތުގެ ނަމުގައި ހިނގަމުންދާ އެކައުންޓްތަކާއި ފަންޑުތަކާއި، ދައުލަތުގެ މާލީ ހިސާބުތަކުގެ ޞައްޙަކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ބާރުލިބިގެން މާލީ ވުޒާރާއިން ޤާއިމުކޮށްފައިވާ ނިޒާމެކެވެ. ދައުލަތުގެ މުދަލާއި ފައިސާ އަދި ލިޔެކިޔުންތައް ބަލަހައްޓައި، ކަންކަން ކުރިއަށް ދަނީ މާލިއްޔަތު ޤަވާއިދާއި އެއްގޮތަށްތޯ ބެލުމަކީ އިންޓަރނަލް އޮޑިޓް ކޮމިޓީގެ ޒިންމާއެކެވެ.