ޚަބަރު

މޮރީނިއޯގެ ބެންފީކާ އަތުން ޗެލްސީ އަށް މޮޅެއް


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕޯޗުގަލްގެ ބެންފީކާ އަތުން ޗެލްސީ 1-0 ގެ ނަތީޖާއަކުން މޮޅުވެއްޖެ އެވެ.

ޗެލްސީގެ ސްޓެމްފަޑް ބްރިޖްގައި ތިރީސް އަށް ހާހަށްވުރެ ގިނަ މީޙުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް މި ދެ ޓީމު ނިކުތްއިރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ޗެލްސީ އަށް އެތަކެއް ކާމިޔާބީތަކެއް ހޯދައިދިނުމަށްފަހު މިހާރު ބެންފީކާގެ ކޯޗު ކަމާއި ހަވާލުވެހުރި ހޯސޭ މޮރީނިއޯ އަށެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 18 ވަނަ މިނިޓުގައި ބެންފީކާގެ ރިޗަޑް ރިއޮސް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މި މެޗުގައި ބެންފީކާގެ ސަޕޯޓަރުން ޗެލްސީގެ އެންޒޯ ފެނާންޑޭޒް އާއި ދިމާލަށް ދަނޑު މައްޗަށް އެއްޗިހި އުކަން ފެށުމުން ސަޕޯޓަރުން ހަމައަކަށް އެޅުވުމަށް ބެންޗޫ ދޫކުރުމަށްފަހު މޮރީނިއޯ ވަނީ ގޮސްފަ އެވެ.

ބެންފީކާގެ ސަޕޯޓަރުން އެންޒޯ ފެނާންޑޭޒް ދެކެ ހިތްހަމަ ނުޖެހިފައިވަނީ 2023 ވަނަ އަހަރު ރިވަޕްލޭޓް އިން ބެންފީކާ އާއި ގުޅުނުތާ ހަ މަސް ނުވަނީސް އޭރުގެ އިނގިރޭސިވިލާތުގެ ރެކޯޑް ފީއެއް ކަމުގައިވާ 107 މިލިއަން ޕައުންޑަށް ޗެލްސީ އަށް ބަދަލުވުމާއި ގުޅިގެންނެވެ.

ޗެލްސީ އިން މި މެޗަށް ނިކުތްއިރު ކޯޗު އެންޒޯ މަރެސްކާ ވަނީ އެ ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ފުރަތަމަ އެގާރައިގައި އަލެހަންދްރޯ ގަރްނާޗޯ އާއި ފަކުންޑޯ ބޮނަނޯ ހިމަނާފައިވާއިރު ކެޕްޓަން ރީސް ޖޭމްސް މެޗު ފަށާފައިވަނީ ބެންޗުންނެވެ.

މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޗެލްސީގެ ފޯވަޑް ޖޮއައޯ ޕެޑްރީ އަށް މެޗުގެ އިތުރު ވަގުތުގައި ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. މިއީ ހަތަރު މެޗުގައި ޗެލްސީ އިން ރަތް ކާޑު ދައްކާފައިވާ ތިންވަނަ ކުޅުންތެރިޔާ އެވެ.