ޚަބަރު

ގަލަތަސަރާއީ އަތުން ލިވަޕޫލް ބަލިވެއްޖެ


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ގަލަތަސަރާއީ އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިވެއްޖެ އެވެ.

ތުރުކީގެ ގަލަތަސަރާއީގެ ދަނޑުގައި ފަންސާސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ގިނައިރު ލިވަޕޫލް އިން ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު އެ ޓީމުން ވަނީ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

ގަލަތަސަރާއީ އާއި ދެކޮޅަށް ލިވަޕޫލް ނިކުތްއިރު ކޯޗު އާން ސްލޮޓް ވަނީ އެ ޓީމުގެ އެންމެ މުހިންމު ދެ ކުޅުންތެރިން ކަމުގައިވާ މުހައްމަދު ސަލާ އާއި އެލެކްޒެންޑާރ އިސާކް ބެންޗަށް ލާފަ އެވެ. އަދި ދެވަނަ ހާފުގައި މި ކުޅުންތެރިންވެސް ވަނީ ކުޅެން އަރުވާފަ އެވެ.

ސްލޮޓް މި ބަދަލު ގެނެސްފައިވަނީ އަންނަ ހަފްތާގައި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ދެކޮޅަށް ކުޅޭ މެޗަށް އެ ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތު ދިނުމުގެ ގޮތުންނެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 16 ވަނަ މިނިޓުގައި ގަލަތަސަރާއީ ގެ އަލްޕަރ ޔިލްމިޒް އަށް ޑޮމިނިކް ސޮބޮޒްލާއީ ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ވިކްޓަރ އޮސިމްހެން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މި ލަނޑު ގަލަތަސަރާއީ އިން ޖެހުމުގެ މިނިޓެއް ކުރިން ލިވަޕޫލްގެ ކޯޑީ ގެކްޕޯ ގޯލަށް ފޮނުވާލި ނުރައްކާތެރި ހަމަލައެއް ގޯލު ރޮނގު ހުރަސް ކުރުމުގެ ކުރިން ގެވިންސަން ސަންޗޭޒް ވަނީ ދިފާއުކޮށްފަ އެވެ.

ލިވަޕޫލް އަށް މި މެޗުގެ ފަހު ވަގުތު ޕެނަލްޓީ އެއް ދިން ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.