ގައުމީ ޝޫޓިން ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތު ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
އަންގާރަ ދުވަހުގެރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ބޭއްވި މި ރަސްމިއްޔާތުގައި ވަޒީރުގެ އިތުރުން ކުޅިވަރު ވުޒާރާގެ ބައެއް ބޭފުޅުންނާއި ޝޫޓިންގ އެސޯސިއޭޝަންގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހަތަރު ކެޓަގަރީއަކުން 370 އެތުލީޓުން ވާދަކުރި މިމުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް މެޑެއްޔާއި ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މިމުބާރާތުގައި ހަތަރު ކެޓަގަރީއަކުން އެތުލީޓުން ވާދަކޮށްފަވާއިރު މިއީ އާންމުންނަށް ހުޅުވާލައިގެން މިމުބާރާތް ބޭއްވި ދެވަނަ އަހަރެވެ.
ގައުމީ ޝޫޓިން މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ސެޕްޓެމްބަރު މަހުގެ 1 އިން 30 ގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގައެވެ. މުބާރާތް ކުރިއަށް ދިޔަގޮތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ޝޫޓިން އެސޯސިއޭޝަނުގެ ހެޑް ކޯޗު ހަސަން ޢަބްދުލްޣަފޫރު ބުނީ 1 މަސްދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މުބާރާތް ފެށުމުގެ ކުރިން މަސްދުވަހުގެ ތަމްރީނުތަކެއް އެތުލީޓުންނަށް ދެވުނުކަމަށެވެ.
"މުބާރާތް އަޅުގަނޑުމެން ފައްޓައިގެން 1 މަސްދުވަހުގެ ޓްރެއިނިންއެއް ދިނުމަށްފަހުގައި ހަމަ 1 މަސްދުވަހުގެ އިވެންޓުތަކެއް ހަމަ މިކުރިއަށް ގެންދިޔައީ، ގެންގޮސްގެން އަޅުގަނޑުމެންނަށް މި ނިންމާލެވުނީ ސެޕްޓެމްބަރު 30 އާއި ހަމައަށް. ސެޕްޓެމްބަރު 1 ގައި މުބާރާތް ފަށައިގެން ސެޕްޓެމްބަރު 30 އަށް ކުރިއަށް މިދިޔައީ. ދެން ބައިވަރު އިވެންޓު ހިމެނޭ އެއްޗެއް ޝޫޓިންއަކީ" ހަސަން ބުންޏެވެ.
ދެ ޖިންސު ހިމެނޭހެން އާންމުންވެސް ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މިމުބާރާތް ކާމިޔާބުކަމާއެކު ނިމިގެން ދިޔަކަން ފާހަގަކުރަމުން ހަސަން ބުނީ މިދިޔަ އަހަރުގެ މުބާރާތުގައި ދިމާވި ގޮންޖެހުންތަކާއި އަޅާބަލާއިރު މިއަހަރުގެ މުބާރާތް ދިޔައީ ލުއިފަސޭހަކޮށްކަމަށެވެ.
މީގެ އިތުރުން މިއަހަރުގެ މުބާރާތުގައި ބައިވެރިވި ކުޑަކުދިންގެ އަދަދު އިތުރުކަމަށާއި އެއީ މިކުޅިވަރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އޭނާ ސިފަކުރިއެވެ.
"މިދިޔަ އަހަރާއި މިއަހަރާއި އަޅާ ބަލާއިރު ހަމަ ރަނގަޅު ތަރުހީބެއް ލިބިއްޖެ ޝޫޓިންގައި. ދެން ޝޫޓިންއަކީ ކުރީގައި ވެއްޖިއްޔާމުން ވަރަށް އުނދަގުލުން އަޅުގަނޑުމެން ހަތިޔާރުގެ ކަންކަން ކުރަން މިޖެހެނީ. ނަމަވެސް މިދިޔަ އަހަރުގެ ޝޫޓިން އާންމުންނަށް ފަށައިގެން ގެންދެވުނީމަ މިއީ ކުރެވޭނެކަމެއްކަން މިހާރު ވަރަށް ބޮޑަށް ޕަބްލިކުން ބަލައިގަނެފި. އެހެންވީމަ ކުޑަކުދިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެންދިޔަ މިމުބާރާތުގައި. އެއީ ދެން ވަރަށް ބޮޑަށް ފާހަގަކުރެވޭކަމެއް. ވަރަށް ބޮޑަށް ކާމިޔާބުކޮށް މިނިންމާލެވުނީ" ހަސަން ބުންޏެވެ.
މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މުބާރާތުން ފެނުނު އެތުލީޓުންގެ އަދަދު މަދުކަމަށް ފާހަގަކުރަމުން ހަސަން ބުނީ އެހެން އެކަން ދިމާވީ ޖާގައިގެ ދަތިކަމާއި، ކުއްލިގޮތަކަށް މުބާރާތް ބާއްވަންޖެހުމުންކަމަށެވެ. އެހެންނަމަވެސް އިތުރު މާބޮޑު ދައްޗެއް ދިމާނުވެ މުބާރާތް ނިންމާލެވުނީ ކާމިޔާބުކަމާއި އެކުކަމަށް ހަސަން ފާހަގަކުރިއެވެ.
"މިދިޔަ އަހަރާއި މިއަރާއި ބަލަންޏާމު އަޅުގަނޑުމެންނަށް މީހުންގެ އަދަދު މަދުވި. އެއީ އަޅުގަނޑުމެންނަށް އަސްލު ތަނުގެ ދަތިކަން ލިބިފަ ކުއްލިއަކަށް މުބާރާތް ހިންގަންޖެހުމުން މިކަހަލަ ކަންތައްތަކެއް މިއަންނަނީ" ހަސަން ބުނެފަވެއެވެ.
ޝޫޓިން މުބާރާތް ކާމިޔާބުކަމާއެކު ނިންމާލުމުގައި ކުޅިވަރުގެ ވަޒީރުގެ އިތުރުން އެވުޒާރާގެ ފަރާތުން ބޮޑު އެއްބާރުލުމެއްލިބުނުކަމަށް ހަސަން ފާހަގަކޮށް ޚާއްސަ ޝުކުރެއް އަދާކުރިއެވެ. އޭގެ އިތުރުން މިކުޅިވަރަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަދި އެތުލީޓުންގެ ބެލެނިވެރިން ދެއްވަމުންގެންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރާކަމަށާއި މިކުޅިވަރު ކުރިއެރުވުމަށް އެހީތެރިވަމުންދާ އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކުރާކަމަށް ހަސަން ބުންޏެވެ.
"މިކަހަލަ މުބާރާތެއްވެސް ކާމިޔާބުކަމާއެކު ނިންމާލުމުގައި ވަރަށް ގިނަބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭ. އެގޮތުން އަޅުގަނޑު އެނެމް ފުރަތަމަ ސްޕޯޓްސް މިނިސްޓްރީން ދެއްވާ އެއަބާރުލުމައި މިކަންތައްތައް އަޅުގަނޑުމެން ފާހަގަކުރަން. އަދި އޭގެ އިތުރުން އެމްއެންޑީއެފްއިން އަޅުގަނޑުމެން މިތަނަށް ދޫކޮށް މިކަންކަން ނުކުރާކަމަށްވަންޏާ މިކަންވެސް ނުކުރެވޭނެ. އެހެންވީމަ އެމްއެންޑީއެފްއިން އަޅުގަނޑުމެންނަށް ދޭ އެއްބާރުލުމާއި މިކަންތައްތައްވެސް މިއީ ވަރަށް ބޮޑު ކަމެއް. ދެން ކުދިން ގެނައުމާއި ކުދިންގެ ކަންކަން ހަމަޖެއްސުމުގެ ކަންތަކުގައި ޕޭރެންޓުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ދޭ. ޝޫޓިން ހަމައެކަނި މާލޭގައި އޮންނާނީ މި ރޭންޖަށް އެބަ ހުޅުމާލެއިން ކުދިން ފޮނުވާ. އެހެންވީމަ އެއީ ޕޭރެންޓުންވެސް ކުރާ ވަރަށް ބޮޑު މަސައްކަތެއް. އެހެންވީމަ ހަމަ މިހުރިހާ އެންމެނަށް، ކޮމިއުނިޓީއަށް ޚާއްސަގޮތެއްގައި އަޅުގަނޑު ޝުކުރުދަންނަވާލާނަން" ހަސަން ބުންޏެވެ.
ގައުމީ ޝޫޓިން ޗެމްޕިއަންޝިޕުގައި ހަތަރު ކެޓެގަރީއެއްގައި ޝޫޓަރުން ވާދަކޮށްފަވެއެވެ. އެއީ ގައުމީ ޓީމުގައި ހިމެނޭ ޝޫޓަރުންނާއި ކުރިން ގައުމީ ޓީމުގައި ހިމެނި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށްފައިވާ އެތުލީޓުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ ޕްރޮފެޝަނަލް ކެޓެގަރީ އާއި، 12 އަހަރުން މަތީގެ މީހުންނަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ އޯޕަން ކެޓެގަރީ އާއި، 16 އަހަރާއި 21 އަހަރާ ދެމެދަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ ޖޫނިއަރ ކެޓެގަރީގެ އިތުރުން 12 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްސަކުރި ޔޫތު ކެޓެގަރީއެވެ.
މިމުބާރާތުގައި ގައުމީ ދެ ކޯޑެއްވެސް ފެނިގެންގޮސްފަވެއެވެ. އެއީ އެއަރ ރައިފަލް އަންހެނުންގެ ޕްރޮފެޝަނަލް ކެޓެގަރީގައި ވާދަކޮށް އައިޝަތު އީޝާ ޝަހީދު މުގުރާލި ގައުމީ ރިކޯޑުގެ އިތުރުން އެއަރ ރައިފަލް އަންހެނުންގެ ޔޫތު ކެޓެގަރީގައި ވާދަކޮށް މަރިޔަމް މަލަކް މުޙައްމަދު ހެދި ގައުމީ ރިކޯޑެވެ.