ދީން

ރާއްޖެއިން ޙައްޖަށްދާ 2 ގުރޫޕެއްގެ ޙައްޖާޖީން މިއަދު ފުރާނެ


ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މި އަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ ތެރެއިން ދެވަނަ ގްރޫޕް މިއަދުގެ ވަގުތެއްގައި ސަޢޫދީ ޢަރަބިއްޔާއަށް ދިއުމަށް ފުރާނެއެވެ.

މިއަދު އެންމެ ފުރަތަމަ ފުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށްދާ 266 މީހުންނެވެ. މި ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 2:15 ހާއިރުކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތުދެއްވައެވެ.

މިއަދު ދެން އިތުރަށް ފުރުމަށް ހަމަޖެހިފައިވަނީ ޒަޢީ ކުންފުނީގެ ޙަވާލުގައި ޙައްޖަށްދާ 200 މީހުންނެވެ. މި ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:15 ގައި، މެގަ މޯލްޑިވްސްގެ ފްލައިޓެއްގައިކަމަށް އެ ފަރާތުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، އެކްރޯ ގްރޫޕްގެ ޙަވާލުގައި ޙައްޖަށްދާ 99 މީހުންވެސް މިއަދުގެ ވަގުތެއްގައި ފުރުމަށް ހަމަޖެހިފައިވާކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތުދެއްވައެވެ. މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި އެއަރޕޯޓަށް ދިއުމުގެ ހުރިހާ ޚިދުމަތެއް ސަރުކާރުގެ ޚަރަދުގައިވަނީ ހަމަޖައްސަވާފައެވެ.

ޙާއްޖާޖީން އެއަރޕޯޓަށް ދިއުމަށްޓަކައި ޙައްޖު ޖަމާޢަތްތަކުން ކަނޑައަޅާފައިވާ ގަޑިތަކަށް ޖަމާވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒަށެވެ. އަދި އެ މިނިސްޓްރީން ކަނޑައަޅުއްވާފައިވާ ފެރީގައި ކޮންމެ ޙައްޖާޖީއަކާއެކު 3 މީހަކަށް ހިލޭ ދެވޭނެ އިންތިޒާމްވެސް ހަމަޖައްސަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރު 1000 މީހުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްދާއިރު، 5 ޖަމާއަތެއްގެ ޙަވާލުގައިވެސް 1000 މީހުން ޙައްޖުގެ އަޅުކަން އަދާކުރާނެއެވެ.

ޙައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް މިއަހަރު 2000 ކޯޓާ ސަޢުދީ ސަރުކާރުން ދެއްވާފައިވެއެވެ.