ޚަބަރު

ނެދަރލެންޑްސްގެ އާގުބޯޓަކަށް ދިން ޙަމަލާއަކަށް ފަހު ރޯވެ އަނދަނީ


ޢަދަން ކަނޑުގައި ދަތުރު ކުރަމުން ދިޔަ ނެދަރލެންޑްސްގެ އާގުބޯޓަކަށް ދިން ޙަމަލާއަކާ ގުޅިގެން ދެ ފަޅުވެރިން ޒަޚަމުވެ، އުޅަނދުގައި ރޯވެއްޖެއެވެ. ގޮވާތަކެތި ބޭނުން ކޮށްގެން 'އެމްވީ މިނޭވަރޚަރތު'ގެ ނަން ދީފައިވާ އުޅަނދަށް ދީފައިވާ ޙަމަލާގައި އެ އުޅަނދުގައި ރޯވި އަލިފާންގަނޑު ނިއްވައިލެވިފައެއް ނުވެއެވެ. ރަތް ކަނޑާއި ޢަދަން ކަނޑުގެ ސަރަޙައްދުން ދަތުރުކުރާ އާގުބޯޓުފަހަރުތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާ ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ އަސްކަރީ މިޝަނުން ވަނީ މި ކަން ކަށަވަރު ކޮށްދީފައެވެ.

ޙަމަލާއާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބި، ބޯޓުގައި އަލިފާން ރޯވުމާ ގުޅިގެން، އޭގައި ތިބި 19 ފަޅުވެރިން ސަލާމަތް ކޮށްފައި ވަނީ ހެލިކޮޕްޓަރު ބޭނުންކޮށް، ވައިގެ މަގުންނެވެ. ނަމަަވެސް، ޙަމަލާގައި އޭގެ ތެރެއިން ދެ މީހަކަށް ވަނީ އަނިޔާވެފައެވެ. ނެދަރލެންޑްސްގެ ކުންފުންޏަކުން އޮޕަރޭޓު ކުރާ އާގުބޯޓަށް ދިން ޙަމަލާގެ ފަހަތުގައި އޮތީ ޔަމަންގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާޢަތް ކަން ނުވަތަ ނޫން ކަން ސާފެއް ނޫނެވެ.

ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އުޅަނދުފަހަރަށް ޙޫޘީން ޙަމަލާ ދޭން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރަށް ފަހުއެވެ. އެއީ، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފެށުމާ ގުޅިގެން، އެ ކަމަށް ރައްދު ދިނުމުގެ ގޮތުން ޙޫޘީން ހިންގަމުންދާ އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަންގެ ދަށުން ޙޫޘީން ވަނީ 100އަށްވުރެ ގިނަ އުޅަނދަށް ޙަމަލާދީ، އޭގެ ތެރެއިން ހަތަރު ވަރަކަށް އުޅަންދު ފައްތައިލާފައެވެ.

މިނޭވަރޚަރތު އޮޕަރޭޓު ކުރާ ކުންފުނިން ބުނީ، ގޮވާތަކެތި ބޭނުން ކޮށްގެން ޙަމަލާ ދިން ވަގުތު އެ އުޅަނދު ދަތުރު ކުރަމުން ގޮސްފައި ވަނީ ޢަދަން ކަނޑުގައި ކަމުގައެވެ. އަދި، އެ ވަގުތު އެ ބޯޓު އޮތީ ޔަމަންގެ ޢަދަން ބަނދަރާ 128 ނޯޓިކަލް މޭލު އިރުދެކުނުގައި ކަމުގައެވެ. އެ އުޅަނދުގައި ބާރުގަދަ އެއްޗެއް ގޮވާފައިވާ ސަބަބު އަދި މިހާތަނަށް ސާފު ކުރެވިފައެއް ނެތެވެ.

މި ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ތިބީ ރަޝިޔާ، ޔޫކްރެއިން، ފިލިޕީންސް އަދި ސްރީ ލަންކާއަށް ނިސްބަތްވާ ފަޅުވެރިންނެވެ. އޭގެ ތެރެއިން ދެ މީހަކު ޒަޚަމުވެފައިވާއިރު، ސީރިޔަސް ޒަޚަމުތަކެއް ލިބިފައިވާ އެއް ފަޅުވެރިއަކަށް އިތުރު ފަރުވާ ދިނުމަށް ޖިބޫޓީއަށް ގެންގޮސްފައިވާ ކަމުގައި އީޔޫގެ އަސްކަރީ މިޝަނުން ބުންޏެވެ. އަދި، އެ އުޅަނދު މިިހާރު ވެސް އޮޔާ އެކު ބެހެމުންދާ ކަމުގައި އެ މިޝަނުން ހާމަކުރިއެވެ.

މިނޭވަރޚަރތަށް ޙަމަލާ ދީފައި ވަނީ ޙޫޘީން ކަމުގައި ކަށަވަރު ކުރެވިއްޖެ ނަމަ، މިއީ ސެޕްޓެންބަރު 1ވަނަ ދުވަހަށް ފަހު އެ ޖަމާޢަތުން ދިން މި ފަދަ ފުރަތަމަ ޙަމަލާއަށް ވެގެންދާނެއެވެ. ސެޕްޓެންބަރު 1ވަނަ ދުވަހު އެ ޖަމާޢަތުން ވަނީ ޔަހޫދީންގެ ކުންފުންޏަކަށް ނިސްބަތްވާ ތެޔޮ އުފުލާ އާގުބޯޓެއް ކަމުގައިވާ 'ސްކާލެޓް ރޭ'އަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ އުޅަނދަށް ޙަމަލާ ދީފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ޔަންބުޢަ ބަނދަރުގެ ބޭރުން ދަތުރު ކުރަމުން ދަނިކޮށެވެ.

ޖުލައި މަހު ވެސް ޙޫޘީން ވަނީ 'މެޖިކް ސީސް' އަދި 'އެޓަރނިޓީ ސީ'އަށް ޙަމަލާދީ އެ ދެ އުޅަނދު ފައްތައިލާފައެވެ. އަދި، 2024ވަނަ އަހަރުގެ ޖުލައި މަހު ޙޫޘީން ވަނީ ސިންގަޕޫރުގެ ދިދަ ޖަހައިގެން ދަތުރު ކުރަމުން ދިޔަ ލޮބޯވިޔާގެ ނަން ދީފައިވާ އުޅަނދަށް ވެސް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.