ޚަބަރު

ކައުންސިލަރުންގެ އަދަދު މަދުކުރުމަށް މަޖިލީހުން ފާސްކުރައްވައިފި


އާބާދީގައި 3000 މީހުން ހަމަނުވާ ރަށްރަށުގެ ރަށު ކައުންސިލްތަކަށް 3 މެމްބަރުން އަދި ތިންހާހަށްވުރެ ބޮޑު އާބާދީގެ ރަށްރަށަށް 5 މެމްބަރުން އިންތިޚާބުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

މަޖިލީހުން މިއަދު ފާސްކުރެއްވި މި އިސްލާހަކީ ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ހުށައެޅުއްވި އިސްލާހެކެވެ. މި އިސްލާހުގައިވާގޮތުން އާބާދީގައި 3،000 މީހުންނަށްވުރެ މަދު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބުކުރާނީ 3 މެމްބަރުންނެވެ. އަދި އާބާދީގައި 3،000 މީހުނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބުކުރާނީ 5 މެމްބަރުން ކަމަށްވެސް މިއަދު ވަނީ ފާސްކުރައްވާފައިވެއެވެ. މިހާރު އޮންނަގޮތުން އިންތިޚާބުކުރަނީ އާބަދީގައި 10،000 މީހުނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް 9 މެމްބަރުންނެވެ. އަދި ޏ. ފުވައްމުލަކުގެ ކޮންމެ އަވަށެއްގައި ހިމެނޭ ރަށު ކައުންސިލަށް 3 މެމްބަރުންނެވެ.

އަތޮޅު ކައުންސިލަށް އިންތިޚާބުކުރަންޖެހޭ މެމްބަރުންގެ ޢަދަދު މަދުކުރެއްވުމަށް ފާސްކުރެއްވި މި އިޞްލާޙުގައި ވަނީ، އިންތިޚާބީ 2 ދާއިރާއަށްވުރެ ގިނަ އިންތިޚާބީ ދާއިރާ ހިމެނޭ ދާއިރާތަކުގެ އަތޮޅު ކައުންސިލަށް އިންތިޚާބުކުރާނީ ކޮންމެ ދާއިރާއަކުން 1 މެމްބަރު ކަމަށެވެ. އަދި އިންތިޚާބީ 2 ދާއިރާ ހިމެނޭ އަތޮޅު ކައުންސިލަށް އިންތިޚާބުކުރާނީ މުޅި އަތޮޅުން 3 މެމްބަރުން ކަމަށެވެ.

މި އިޞްލާޙު ފާސްވީ 38 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. މި އިސްލާހާ ދެކޮޅަށް 23 މެމްބަރުން ވޯޓުދެއްވާފައިވެއެވެ.