ކުރިޔަށް އޮތް މެޗުތަކުގައި ކުލަބު ގްރީން ސްޓްރީޓްސްއިން ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި އަދި ނަތީޖާ އަނބުރާލާނެ ކަމުގެ ޔަގީންކަން ކުޅުންތެރިންނާއި މެދު އެބައޮތް ކަމަށް އެ ކުލަބުގެ ކޯޗް އަލީ ނިސްތާރު މުޙައްމަދު ބުނެފިއެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެދެވޭ ނަތީޖާތަކެއް ގްރީން ސްޓްރީޓްސްއަށް އަދި ނުނެރެވުނަސް އެ ނަތީޖާ އަދި ބަދަލުކުރެވޭނެ ކަމަށް ނިސްތާރު ބުންޏެވެ.
ލީގުގައި ކުޅުނު ފުރަތަމަ މެޗުން ގްރީން ސްޓްރީޓްސް ވަނީ 1-2 ގެ ނަތީޖާއަކުން ވެލެންސިއާ އަތުން ބަލިވެފައެވެ.
ދެވަނަ މެޗުގައި 0-1 ގެ ނަތީޖާއަކުން ވިކްޓްރީއަތުން ގްރީން ސްޓްރީޓްސް ވަނީ ބަލިވެފައެވެ.
ގްރީންއަށް އެއްވެސް މެޗަކުން ޕޮއިންޓެއް ލިބިފައިނުވާއިރު މިވަގުތު އޮތީ ލީގުގެ ހަތް ވަނައިގައެވެ.
ނިސްތާރު ބުނީ ފުރަތަމަަ ދެމެޗުގައިވެސް ގިނަ މިސްޓޭކްތަކެއް ހެދުނު ކަމަށާއި ދެން ހުރި މެޗުތަކުގައި އެކަންކަން ރަނގަޅު ކުރާނެ ކަމަށެވެ. ކުޅުންތެރިންނާއި މެދު އިތުބާރު އެބައޮތް ކަން ފާހަގަ ކުރަމުން ނިސްތަަރު ބުނީ ފަރިތަކުރުންތައް މަދުވުން އެއީ ބަހަނާއެއްކަމަށް ނުބަލާނެ ކަމަށެވެ.
ގްރީން ސްޓްރީޓްސްއިން ސީޒަން ފެށީ ވަރަށް ޒުވާން ސްކޮޑަކާއެކުގައެވެ. އަދި މިދިޔަ ސީޒަނުގެ ތަޖުރިބާހުރި ބައެއް ކުޅުންތެރިންވެސް އެ ކުލަބުގައި އެބަ ތިއްބެވެ.