ޚަބަރު

ރާއްޖެއާއި ފަލަސްތީނުގެ ގުޅުން އިތުރަށް ބަދަހިކުރަނީ


ރާއްޖެއާއި ފަލަސްޠީނާ ދެޤައުމުގެ ދެމެދުގައިވާ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފަލަސްޠީނުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ރިޔާޟް އަލްމާލިކީއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން ބޭއްވެވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި މިއަދު މެނދުރުފަހު، ޕުތްރަޖަޔާ ކޮންވެންޝަން ސެންޓަރުގައެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ފަލަސްޠީނާ ދެޤައުމުގެ ދެމެދުގައިވާ އަޚުވަންތަ މުހިންމު ގުޅުން ފާހަގަކުރައްވައި، ކުރިއަށް އޮތްތާނގައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ފަލަސްޠީނުގެ ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮ އެދިވަޑައިގަތުން ފާޅުކުރެއްވިއެވެ.