ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުރިއަށް ދެން ކުޅޭ މެޗުތަކުގައި އެންމެފަހުން ކުޅުނު ދެ މެޗަށްވުރެ ކުޅުން ރަނގަޅު ކުރާނެ ކަމަށް ބުރު ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
ލީގުގައި އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓްވިއުއެއްގައި ނިޒާމް ބުނީ ކޮންމެ މެޗަކަށްވެސް ނިކުންނައިރު އިދިކޮޅު ޓީމުގެ ކުޅުމަށް ބަލާފައި ވަރަށް ރަނގަޅަށް ތައްޔާރުވާން ޖެހޭކަމަށެވެ. އަދި ލީގުގައި އީގަލްސް އަައި ދެކޮޅަށް ނިކުތް މެޗުގައި ކުޅުންތެރިންނަށް ގޯސްތަކެއް ހެދުނު ކަމަށާއި ފުރަތަމަ ހާފުގައި ކުޅުން ފެއްޓިލެއް ދަށްކަމަށް ކޯޗު ބުންޏެވެ.
ކުޅުންތެރިން މާ ބޮޑަށް ފަސޭހަކޮށްލައިގެން ފުރަތަމަ ހާފުގެ ކުރީކޮޅުތިބިކަން ފާހަގަ ކުރަމުން ނިޒާމް ބުނީ އެހެންދިމާވި ލީގުގެ ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން ބުރު މޮޅުވެފައި އޮތުމާއި އީގަލްސް ފުރަތަމަ މެޗުން ބޮޑު ތަފާތަކުން ބަލިވެފައި އޮތުމުންކަމަށެވެ.
އެހެންނަމަވެސް ދެވަނަ މެޗުގައި އީގަލްސްއާއި ދެކޮޅަށް ނިކުތްއިރުވެސް އެ މެޗު ފަސޭހަ ނުވާނެކަން ކުޅުންތެރިންނަށް ދިޔައީ ވިސްނައިދެމުން ކަމަށް ނިޒާމް ބުންޏެވެ. ނިޒާމް ބުނީ ކުޅުންތެރިންނަށް އެވަރަށް ތައްޔާރުނުވެވުނީ ކަމަށާއި އެހެންނަމަވެސް ދެން ކުޅޭ މެޗުތަކުގައި ކުރިން ހެދުނު ގޯސްތައް ރަނގަޅު ކުރާނެ ކަމަށެވެ.
އެހެންނަމަވެސް ދެވަނަ ހާފްގައި ހުރިހާ ކުޅުންތެރިންވެސް މެޗު ސީރިއަސްކޮށް ނަގައިގެން ކުޅުނު ކަމަށާއި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައްވެސް ހޯދި ކަމަށް ނިޒާމް ފާހަގަ ކުރިއެވެ.
ކުޅުންތެރިންނާއި ގުޅޭގޮތުން ވާހަކަދައްކަމުން ނިޒާމް ބުނީ ބުރުގެ ކުޅުންތެރިންނަށް ބަލާއިރު ފުރަތަމަ އެގާރައިގަ ޒުވާން ކުޅުންތެރިން އެބަތިބިކަމަށާއި އެ ކުޅުންތެރިން އަންނަނީ މަޑުމަޑުން މެޗަށް ތައްޔާރުވަމުން ކަމަށެވެ. އަދި އެ ކުޅުންތެރިންގެ ކުޅުމާމެދު ހިތްހަމަޖެހޭކަމަށެވެ. އެހެންކަމުން ޒުވާން ކުޅުންތެރިންނާއިއެކު ކުރިޔަށް ހުރި މެޗުތަކަމުގައި ރަނގަޅު ކުޅުމެއް ބުރު ސްޕޯޓްސް ކުލަބުން ދައްކާނެ ކަމަށް ކޯޗު އުންމީދު ކުރެއެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ބުރު ކުޅުނު ދެވަނަ މެޗުގައި ކުލަބު އީގަލްސް ދެ ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ފަހަތުން އަރައި ބުރު ސްޕޯޓްސް ކުލަބުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.
ލީގުގައި އީގަލްސް ކުޅުނު ފުރަތަމަ މެޗުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވިއިރު، ބުރު ސްޕޯޓްސް ކުލަބުން ވަނީ ވިކްޓަރީ ސްޕޯޓްސް ކުލަބު އަތުން މޮޅުވެފައެވެ.
ބުރު ސްޕޯޓްސް ކުލަބަށް ކުޅުނު ދެ މެޗުން ލިބިފަައިވާ ހަތަރު ޕޮއިންޓާއެކު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.
ބުރު ސްޕޯޓްސް ކުލަބުނަ ލީގުގައި ދެން ނިކުންނާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާަި ދެކޮޅަށެވެ.