ޚަބަރު

އެމެރިކާގައި ބޭއްވި މުޒާހަރާއެއްގައި ޓްރަމްޕަށް ނުުކިޔަމަންތެރިވުމަށް ގޮވައިލެއްވުމުން ކޮލަމްބިޔާގެ ރައީސްގެ ވިސާ ބާޠިލް ކުރަނީ


ފަލަސްޠީނުގެ ހައްޤުތަކަށް ގޮވާލައި އެމެރިކާގައި ބޭއްވި މުޒާހަރާއެއްގައި ކޮލަމްބިޔާގެ ރައީސް، ގުސްތާވޯ ޕެތުރޯ ބައިވެރިވެވަޑައިގަންނަވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނުކިޔަމަންތެރިވުމަށް ގޮވާލައްވާފައިވާތީ އޭނާއަށް ދޫކޮށްފައިވާ އެމެރިކާގެ ވިސާ ބާޠިލް ކުރާނެ ކަމަށް އެ ޤައުމުން ބުނެފިއެވެ.

މެންހަޓަންގައި ހުންނަ އދގެ އިދާރާގެ ބޭރުގައި ބޭއްވި މުޒާހަރާގައި ބައިވެރިވެވަޑައިގަންނަވާ ޕެތުރޯ ވަނީ ހަތިޔާރު އެޅި ބައިނަލްއަޤްވާމީ ލަޝްކަރެއް އެކުލަވާލައި ޔަހޫދީންގެ އަތްދަށުން ފަލަސްޠީނު މިނިވަން ކުރުމަށް ގޮވާލައްވައިފައެވެ. އޭނާ ވިދާޅުވީ އެ ލަޝްކަރަކީ އެމެރިކާގެ އަސްކަރިއްޔާއަށްވުރެ ބިޔަ ލަޝްކަރަކަށް ވާންޖެހޭ ކަމަށެވެ. އެެހެންކަމުން، އެމެރިކާގެ އަސްކަރިއްޔާގެ އެންމެހާ ސިފައިންނަށް އެހެން މީހުންނާ ދިމާލަށް ބަޑި ދިއްކުރުމުގެ ބަދަލުގައި، ޓްރަމްޕްގެ ޢަމުރުފުޅަށް ނުކިޔަމަންތެރިވެ، އިންސާނިއްޔަތުގެ ޢަމުރަށް ތަބާވުމަށް ގޮވާލައްވައިކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެ ވާހަކަތަކާ ގުޅިގެން އެމެރިކާގެ ސަރުކާރުން ބުނީ ޕެތުރޯގެ ޒިންމާދާރުކަންކުޑަ އަދި މަސްރަހު ހޫނު ކުރުމުގެ ޢަމަލުތަކުގެ ސަބަބުން އޭނާއަށް ދޫކޮށްފައިވާ ވިސާ ބާޠިލް ކުރަން ނިންމާފައިވާ ކަމަށެވެ.

އދގެ ޢާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ވެސް ޕެތުރޯ ވަނީ ޓްރަމްޕަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޔަހޫދީން ޣައްޒާގައި ހިިންގަމުންދާ ނަސްލުހޭދުގައި ޓްރަމްޕްގެ ބައިވެރިވުން ވާ ކަމަށެވެ.

2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 65،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އެ ސަހަރުގެ އިމާރާތްތައް ސުންނާފަތިކޮށް ބިމާހަމަކުރަމުންދާއިރު ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ވެސް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މި ޙާލަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަަލަސްޠީނުގެ ހައްޤުގައި އަޑުއުފުލަމުންދާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަދި ފަލަސްޠީނުގެ މިނިވަންކަން ބަލައިގަންނަމުންދާ ހުޅަނގުގެ ޤައުމުތަައް ވެސް ދަނީ އިތުރުވަމުންނެވެ. ނަތީޖާއެއްްގެ ގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ޔަހޫދީން ދަނީ އެކަހެރިވަމުންނެވެ.

ފާއިތުވި ހަފްތާގެ ތެރޭގައި އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާއާއި ކެނެޑާއިން ވެސް ވަނީ ފަލަސްޠީނުގެ މިނިވަންކަން ބަލައިގެންފައެވެ. ފަހުގެ ދުވަސްތަކުގައި އެމެރިކާއިން ދަނީ ފަލަސްޠީނުގެ ހައްޤުގައި ވަކާލާތުކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަމުންނެވެ.