ޚަބަރު

މަޖިލިސް ޓީވީއަށް އެއް އަހަރު


މަޖިލިސް ޓީވީގެ ނަމުގައި ޗެނަލެއް ޕަބްލިސް ސަރވިސް މީޑިއާއިން އުފެއްދީ ދައުލަތުގެ ތިންބާރުންކުރެ އެއްބާރުކަމުގައިވާ ޤާނޫނު ހެދުމުގެ ބާރުން ކުރައްވާ މަސައްކަތްތަކަށް ފާރަވެރިވެ، ރައްޔިތުންނަށް އެންމެ ތާޒާ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ. ރައްޔިތުން އިންތިޚާބުކުރެއްވި މަންދޫބުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، ޤާނޫނުތަކަށް ގެންނަވާ ބަދަލުތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމާއި، ޤާނޫނުއަސާސީގެ ދަށުން އުފެދިފައިވާ މުއައްސަސާތަކުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކަށް ހޭލުންތެރިކުރުވުމަކީވެސް ޗެނަލުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

ޤާނޫނަށް ރައްޔިތުން އަހުލުވެރިކުރުމަކީ މުހިންމުކަމެއްކަމަށްދެކެ، ޕަބްލިސް ސަރވިސް މީޑިއާއިން ޚިދުމަތުގެ ތެރެއަށް އުފަންކުރި މަޖިލިސް ޓީވީއިން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނަ ކޮންމެ ދުވަހެއްގެ ހެނދުނު އަށްގަޑި ފަނަރައިން ފެށިގެން ޖަލްސާތަކާއި މަޖިލީހާ ގުޅުންހުރި ޕްރޮގްރާމްތައް އަދި ޤާނޫނީ މަޢުލޫމާތު ޙިއްޞާކުރަމުންނެވެ. މަޖިލިސް ޓީވީގެ ޚިދުމަތް ފަށްޓަވައިދެއްވީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދުއެވެ. 2015 އަހަރުގެ އޮގަސްޓްމަހުގެ ސަތާރަވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށްޓަވައިދެއްވުމުގެ ގޮތުން މަޖިލީހުގެ ރިޔާސަތުގައި އެކަން އިޢުލާންކުރެއްވި ވަގުތުން ފެށިގެން ޗެނަލްގެ ޚިދުމަތް އަންނަނީ މުޅި ރާއްޖެއަށް ފޯރުކޮށްދެމުންނެވެ.

img:http://s3.psmnews.mv/images/660x400/14597701277491.jpg|ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން - ފައިލް ފޮޓޯ: މަޖިލިސް

މަޖިލިސް ޗެނަލްގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ، ޕީއެސްއެމްގެ ސީނިއަރ އެޑިޓަރ މޫސާ ވަސީމް ވިދާޅުވި ގޮތުގައި، މަޖިލިސް ޓީވީގެ އެންމެ ބޮޑު އަމާޒަކީ، ޕްރޮގްރާމްތައް އިތުރުކޮށް، ރައްޔިތުންނާ ގުޅޭގޮތަށް މިޖީލަށް ފެތޭގޮތަށް ޕްރޮގްރާމްތައް ރާވައި ބެލުންތެރިންނާ ހަމައަށް ގެނެސްދިނުންކަމަށެވެ. މަޖިލިސް ޓީވީގެ ފުރަތަމަ އަހަރީ ދުވަހާ ގުޅުވައިގެން ޤާނޫނީ ސުވާލުތަކަށް ޖަވާބު ދީގެން 28،000 ރުފިޔާގެ ފައިސާގެ އިނާމް ލިބޭނެ ކުއިޒެއް އަންނަނީ ބެލުންތެރިންނާ ހަމައަށް ގެނެސްދެމުންނެވެ. މަޖިލިސް ޓީވީގެ ޑެޕިއުޓީ އިންޗާރޖް ފަޔާޒް ޔޫސުފް ވިދާޅުވީ، މިއީ އެއްމަސް ދުވަހަށް ކުރިއަށް ގެންދާ ކުއިޒެއްކަމަށާއި، ދުވާލަކު އެއްސުވާލު ޕީއެސްއެމްގެ ޗެނަލްތައް މެދުވެރިކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދެވޭނެކަމަށެވެ.

މަޖލިސް ޓީވީން އަންނަނީ މަޖިލީހުގެ ޖަލްސާތަކުގެ އިތުރުން ކޮމިޓީތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަޢުލޫމާތާއި އެނޫންވެސް މަޖިލީހާ ގުޅުންހުރި ތަފާތު ގިނަ މަޢުލޫމާތުތަކެއް ގެނެސްދެމުންނެވެ.