ޚަބަރު

ކަނޑައަޅާ ތަންތަނުގައި އެކަނި މުޒާހަރާކުރެވޭ ގޮތަށް ފާސްކޮށްފި


މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ޢާންމުކޮށް އިޢުލާންކުރައްވާފައިވާ ތަންތަނުގައި އެކަނިކަމަށް ކަނޑައެޅުއްވުމަށް ޤާނޫނަށް ހުށައެޅުއްވި އިޞްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ. 

މި އިޞްލާޙު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 37 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ދެކޮޅަށް 26 މެމްބަރުން ވޯޓުދެއްވިއެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ އިޞްލާޙުގައި ވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސުން ލިޔުމުން ދެއްވާ ހުއްދައެއް ލިބިގެން ނޫނީ، މާލޭގައި އެއްވެސް ބާވަތެއްގެ، އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅުއްވައި، ޢާންމުކޮށް އިޢުލާންކުރައްވާފައިވާ ތަންތަނުގައި އެކަނިކަމަށެވެ. 

img:http://s1.psmnews.mv/images/660x400/9662.jpg|ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ޖަލްސާއެއްގައި / ފޮޓޯ: މަޖިލިސް ފައިލް

އެއްވެ އުޅެވޭނެ ތަންތަނުގެ ލިސްޓް މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ ތިރީސް ދުވަހުގެ ތެރޭގައި ހޯމް މިނިސްޓްރީން ޢާންމުކޮށް އިޢުލާންކުރައްވައި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވަން ޖެހޭނެކަމަށް ރިފާޢު ހުށައެޅުއްވި އިޞްލާޙުގައިވެއެވެ. އަދި އެ ލިސްޓަށް އެއްވެސް އުނިއިތުރެއް ގެނެވޭނީ އެ އުނިއިތުރަކަށް ޢަމަލްކުރަން ފެއްޓެވުމުގެ 30 ދުވަހުގެ ކުރިން ހޯމް މިނިސްޓްރީއިން އެކަން ޢާންމުކޮށް އިޢުލާންކުރައްވައި ގެޒެޓްގައި ޝާއިޢުކުރުއްވުމަށްފަހުގައި ކަމަށްވެސް އިޞްލާޙުގައިވެއެވެ.

މި ބިލް ދިރާސާކުރައްވައި ނިންމި ގޮތުގެ ރިޕޯޓަށް ބަޙުސްކުރެއްވި މެމްބަރުން ވަނީ މިއީ މާލޭގެ މިހާރުގެ ޙާލަތަށްބަލާއިރު މުހިންމު އިޞްލާޙެއްކަން ފާހަގަކުރައްވައި ފާސްކުރެއްވުމަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށޭނީ ރައީސުލްޖުމްހޫރިއްޔާ މި ބިލް ތަސްދީޤުކުރައްވާ ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރާ ދުވަހުން ފެށިގެން ކަމަށް ބިލްގައިވެއެވެ.