ޗެލްސީއަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު ކޯލް ޕާމާ ތިން ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް އެ ކުލަބުން ބުނެފިއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި މިއަދު ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފައިވަނީ ކޯލް ޕާމާ އަށް ލިބިފައިވާ އަނިޔާއިން ރަގަޅުވުމަށްޓަކައި އޭނާއަށް ވަގުތު ދޭން ކްލަބުން ނިންމާފައިވާ ކަމަށެވެ.
"އަހަރުމެން ބޭނުންވަނީ ޕާމާ އެއްކޮށް ފިޓު ވެގެން އަލުން ކުޅެން ނިކުންނަން. އެހެންކަމުން ކުރިއަށް އޮތް ދޭއް ނުވަތަ ތިން ހަފްތާގައި އޭނާ ނުކުޅޭނެ." މަރެސްކާ ބުންޏެވެ.
ޗެލްސީ އިން މި މުއްދަތުގައި މުހިންމު މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގައި ބްރައިޓަން އާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޗެމްޕިއަން ލިވަޕޫލް އާއި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕޯޗުގަލްގެ ބެންފީކާ އާއި ދެކޮޅަށް ކުޅޭ މެޗު ހިމެނެ އެވެ.
ޕްރިމިއާ ލީގުގައި އެންމެ ފަހުން މެންޗެސްޓަރ ޔުނައިޓެޑް އާއި ދެކޮޅަށް ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ޕާމާ ވަނީ ބަދަލުކޮށްފަ އެވެ.
މި ސީޒަނުގައި ޗެލްސީ ކުޅުނު ހަތް މެޗުގެ ތެރެއިން ފުރަތަމަ ޓީމުގައި ހިމެނިގެން ޕާމާ ކުޅެފައިވަނީ ތިން މެޗުގަ އެވެ. އަދި ވޯލްޑްކަޕް ކޮލިފައިންގައި އެންޑޯރާ އާއި ސަރބިޔާ އާއި ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗުގައި ވެސް އޭނާ ކުޅެފައެއް ނުވެއެވެ.