ޚަބަރު

ގްރީން ބަލިކޮށް ވިކްޓްރީން ފުރަތަމަ މޮޅު ހޯދައިފި


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސް އަތުން ވިކްޓަރީ ސްޕޯޓްސް ކުލަބުން ހަނި މޮޅެއް ހޯދައިފިއެވެ. ގްރީންގެ މައްޗަށް ވިކްޓަރީން ކުރި ހޯދީ 1-0 ންނެވެ.

މެޗަށް ނުކުތް އިރު ދެ ޓީމުން ވެސް ލީގުގަ ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ. ވިކްޓަރީ ބަލިވީ ބުރު ސްޕޯޓްސް ކުލަބު އަތުންނެވެ. ގްރީން ބަލިވީ ވެލެންސިޔާ އަތުންނެވެ.

ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި ގްރީންގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު ވިކްޓަރީގެ ގޯލާ އަމާޒުކޮށް ފޮނުވާލެވިފަ ވަނީ މަދު ހަމަލާތަކެކެވެ.

ވިކްޓަރީން މެޗުގައި އެޓޭކްތަކެއް އުފައްދަން މަސައްކަތް ކޮށް ލިބުނު މަދު ފުރުސަތުތަކުގައި ވަނީ ގްރީންގެ ގޯލަށް ނުރައްކާ ކޮއްފައެވެ. އެގޮތުން މެޗުގެ 13 ވަނަ މިނިޓުގައި އާއި 15 ވަނަ މިނޓުގައި ވިކްޓަރީގެ ނަޝާހު އަހުމަދު ފޮނުވާލި ދެ ހަމަލާގެ ހުރަހަކަށް ވެގެންދިޔައީ ގްރީންގެ ކީޕަރު އަހުމަދު ރަމީޒްއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ވިކްޓަރީގެ އަބްދުﷲ މިދުހަތު ފަހުމީ އޭރިޔާ ތެރެއިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ދެޓީމުގެ ފަރާތުން ފޫހި ލަސްކުޅުމެއް ފެނިގެންދިޔަ މެޗުގައި ގްރީން އިންވެސް އެޓޭކް ކުރެވޭތޯ ވަނީ މަސައްކަތް ކޮއްފައެވެ. އެގޮތުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި މުހައްމަދު ރާހިފް ފަޒީލް ފޮނުވާލި ބޯޅަ މަތަކުރީ ވިކްޓްރީ ކީޕަރެވެ. އޭގެ ފަހުން ގްރީންގެ މިސްރު ފޯވާޑް އޮބައިދާ ކަދުމް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

ވިކްޓްރީން ލަނޑުޖެހީ މެޗުގެ އިތުރު ވަގުތު ތެރޭގައި ލިބުނު ހިލޭ ޖެހުމެއް ގޯލަށް ވައްދައިލައިގެންނެވެ. އޭރިޔާ ބޭރުން މިދުހަތު ފޮނުވާލި ހިތްގައިމު ހިލޭޖެހުން ގޯލަށް ވަތްއިރު ކީޕަރަށް ހުރެވުނީ ހަރަކާތް ހުއްޓިފައެވެ.

މިއީ ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް އެބުރި އައިފަހުން އެޓީމުން ހޯދި ފުރަތަމަ މޮޅެވެ. ލީގުގައި އަންނަ ހަފްތާގައި ވިކްޓްރީ ނުކުންނާނީ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.