ވިޔަފާރި

ކޮމަރޝަލް ބެންކު ފެށުމަށް ދެއްވި މުއްދަތު އިތުރުކޮށްދެއްވައިފި


ކޮމަރޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓަށް ރާއްޖޭގައި ބޭންކިންގ ވިޔަފާރި ފެށުމަށް ދެއްވާފައިވާ މުއްދަތު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އިތުރުކޮށްދެއްވައިފިއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަނަރައިގެ ކުރިން އެ ބޭންކުގެ ޚިދުމަތް ފެށުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ކުރިން ޝަރުތުކޮށްފައިވީ ނަމަވެސް އެމްއެމްއޭއިން މިހާރު ވަނީ އެ މުއްދަތު މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދެއްވާފައެވެ. އެމްއެމްއީއިން ވިދާޅުވިގޮތުގައި ކޮމަރޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓަށް ބޭންކިންގ ވިޔަފާރި ފެށުމަށް ދެއްވާފައިވާ މުއްދަތު، އިތުރުކޮށްދެއްވީ އަޟްޙާ ޢީދު ބަންދު ސެޕްޓެމްބަރުމަހުގެ ތެރޭގައި ހިމެނިފައިވުމާއި އެހެނިހެން ކުދިކުދި ދަތިތައް ހުރުމުން ކޮމަރޝަލް ބޭންކުގެ އެދުމުގެ މަތިންކަމަށް އެމްއެމްއޭއިން ހާމަކުރައްވައެވެ.

img:http://s3.psmnews.mv/images/660x400/14689436073000.jpg|ކޮމަރޝިއަލް ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ދިލާން ރާޖަޕަކްސާ- ފޮޓޯ: ޕީއެސްއެމް

މި ބޭންކް ހިންގުމުގެ ލައިސަންސް ދެއްވާފައިވަނީ، ކޮމަރޝަލް ބެންކަކުން ދޭ ހުރިހާ ޚިދުމަތެއް ދޭންޖެހޭ ގޮތަށެވެ. ޓްރީޓޮޕް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އަދި ކޮމަރޝަލް ބޭންކު އޮފް ސިލޯން ގުޅިގެން ރާއްޖޭގައި ކޮމަރޝަލް ބޭންކެއް ހިންގުމުގެ ހުއްދަ ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެފަރާތައް ދެއްވާފައިވަނީ މިދިޔަ މޭމަހުގެ ތެރޭގައެވެ. ކޮމަރޝަލް ބޭންކް އޮފް މޯލްޑިވްސްއަކީ ޓްރީޓޮޕް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ 45 އިންސައްތަ އަދި ސްރީލަންކާގެ ބޭންކެއް ކަމަށްވާ ކޮމަރޝަލް ބޭންކް އޮފް ސިލޯނުން 55 އިންސައްތަ ޙިއްޞާކުރާ ބޭންކެކެވެ.