ޚަބަރު

ޓްރެފިކް ނިޝާންތައް ކުރެހުމަށް ޚާއްސަ މެޝިނެއް ބޭނުންކުރަނީ


ޓްރެފިކް ޤަވާއިދުތަކާއި، ޓްރެފިކް ނިޝާންތަކަކަކީ މަގުމަތި ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުންނަ ނިޝާންތަކެކެވެ. މާލޭގައިވެސް މިފަދަ ނިޝާންތައް މީގެ އެތައް އަހަރެއް ކުރިން ވަނީ ބޭނުންކުރަން ފަށާފައެވެ. މިފަދަ ނިޝާންތައް ބޭނުންކުރަން ފެށީ މާލޭގެ މަގުތައް ތަޅުން އަޅައިގެންނާއި ގައު އަތުރައިގެން 1980 ގެ ފަހުކޮޅު ކުރެވުނު މަސައްކަތްތައް ފެށުމާ ގުޅިގެނެވެ. މާލޭ ސިޓީގެ މަގުތަކުގައި ޓްރެފިކް ނިޝާން ކުރެހުމަށްޓަކައި މީގެ ކުރިން ބޭނުންކުރަމުން އައީ ރީނދޫކުލައެވެ. އެހެންނަމަވެސް ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެއްތުމުގެ ގޮތުން ހައުސިންގ މިނިސްޓްރީގެ ފަރާތުން މިހާރު ވަނީ ޓްރެފިކް ނިޝާން ކުރެހުމަށްޓަކައި ހުދުކުލަ ބޭނުންކުރަން ފަށްޓަވާފައެވެ.

މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދުދެއްވައި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވިގޮތުގައި، ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކުގައިވެސް ހައިވޭތަކާއި، އެހެނިހެން މަގުތަކުގައި ބޭނުންކުރާ ޓްރެފިކް ނިޝާން ކުރަހާފައި ހުންނަނީ ހުދުކުލަ ބޭނުންކޮށްގެނެވެ. އަދި މިއީ ބައިނަލްއަޤްވާމީ ފެންވަރުގައި މިކަން ޕްރެކްޓިސް ކުރަމުން އަންނަ ގޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14702407141731.jpg|ހައްދުންމަތީ ބޮޑު މަގު / މިމަގުގައި ނިޝާން ކުރެހުމަށް ބޭނުންކުރި މެޝިން މާލެ ގެނައުމަށް ވަނީ ނިންމާފައި

މިނިސްޓަރ މުޢިއްޒު ވިދާޅުވީ، މާލޭގެ މަގުތަކުގައި ޓްރެފިކް ނިޝާން ކުރެހުމަށްޓަކައި ޕާމަނަންޓް އިންކް މެޝިން ހޯއްދެވުމުގެ މަސައްކަތް އެމިނިސްޓްރީން މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ލ. އަތޮޅުގެ ލިންކް-ރޯޑް ޕްރޮޖެކްޓްގެ މަސައްކަތް ނިމުމަކާއި ކައިރިވެފައިވާތީ، އެތަނުގައި ޓްރެފިކް ނިޝާން ކުރެހުމަށް ބޭނުންކުރި މެޝިނާއި، ސާމާނު މާލެ ގެނެއުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ނިންމާފައި ވާނީ ބޭރު ޤައުމުތަކުގެ ހައިވޭތަކުގައި މަސައްކަތް ކުރާގޮތަށް ޕާމަނަންޓް މާކްސް ލެވޭކަހަލަ މޭޝިނާއި ސާމާނު ގެންނަން. އެކަން އެބަކުރިއަށްދޭ. އަދި ލ. އަތޮޅުގެ ލިންކް-ރޯޑް ޕްރޮޖެކްޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާތީ އެތަނުގައި ބޭނުންކުރި މެޝީނާއި އެއްޗެހިވެސް ލިބޭނެ. ލިބުނީމަ އެވެސް ބޭނުންކޮށްގެން ދާއިމީ ވައިޓް މާކިންގ ލެވޭނެ. އެއީ މިހާތަނަށް އެންމެ ކުރިއްސުރެއް ލަމުން އައިގޮތަށް އަންނާނެ އިންޤިލާބީ ބަދަލެއް" މިނިސްޓަރ ވިދާޅުވިއެވެ. 

މަގުމަތީގައި ޓްރެފިކް ނިޝާން ކުރެހުމަށްޓަކައި، ޕާމަނަންޓް އިންކް މެޝިން ބޭނުންކުރައްވަން ފެއްޓެވުމުން ޓްރެފިކް ނިޝާންތައް ކުރެހުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރެވި އަދި އެކަމަށް ހޭދަވާ ވަގުތު ސަލާމަތްކުރެވިގެންދާނެ ކަމަށާއި، ދިގު މުއްދަތަކަށް ނިޝާން ނުފޮހެވި ހުންނާނެކަމަށްވެސް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.