ދީން

ޙައްޖު ސްކީމްގައި މޯލްޑިވް ގޭސްއިން ބައިވެރިވެއްޖެ


މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކުރިއަށްގެންދަވާ މުވައްޒަފުންގެ ސްކީމްގައި، މޯލްޑިވް ގޭސްއިން ބައިވެރިވެއްޖެއެވެ. 

މިކަމުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކުރައްވާފައެވެ. މިއާއެކު މޯލްޑިވް ގޭހަކީ މި ސްކީމްގައި ބައިވެރިވި 31 ވަނަ ކުންފުންޏެވެ. ސަތޭކަ ފަސްދޮޅަސް ތިން ދިވެހި މުވައްޒަފުން މަސައްކަތް ކުރަމުންދާ، މޯލްޑިވް ގޭހަކީ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އެސް.ޓީ.އޯގެ ސަބްސިޑިއަރީ ކުންފުންޏެކެވެ. 

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މައުމޫން ވިދާޅުވީ، ޙައްޖު ކޯޕަރޭޝަނުން ކުރިއަށްގެންދަވާ މުވައްޒަފުންގެ ސްކީމްގެ ދަށުން، ގިނަ ބަޔަކަށް ފައިދާތަކެއް ލިބިގެންދާކަމަށެވެ. އެއްފަހަރާ ފައިސާ ދައްކައިގެން ޙައްޖަށް ދިއުމަކީ ގިނަ ބަޔަކަށް ދަތި ކަމަކަށް ވުމާއެކު، މިފަދަ ސްކީމެއްގައި ބައިވެރިވެ، އުމުރުގެ ބޮޑު ބައެއްގައި ކުރި މަސައްކަތުން ހެޔޮ ނަތީޖާއެއް ނެރުމަކީ މުވައްޒަފުންނަށް ލިބިގެންދާ ފައިދާއެއް ކަމަށް މައުމޫން ވިދާޅުވިއެވެ.

ޙައްޖު ކޯޕަރޭޝަންގެ ބޯޑް މެންބަރު މުހައްމަދު ރިޒާ ވިދާޅުވީ، ސްކީމް ތައާރަފް ކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ޙައްޖާއި، ޢުމުރާގެ އަޅުކަން، ވީހާވެސް ލުއި ފަސޭހަ ގޮތަކަށް އަދާ ކުރެވޭނެ ފުރުޞަތު ފަހި ކޮށްދެއްވުން ކަމަށެވެ.