އިނގިރޭސި ލީގު ކަޕްގެ ތިންވަނަ ބުރުގައި ރޭ ހަޑާސްފީލްޑް ޓައުން އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ސިޓީ މޮޅުވެ މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.
އިނގިރޭސިވިލާތުގެ ލީގު ވަންގެ ކްލަބެއް ކަމުގައިވާ ހަޑާސްފީލްޑް އާއި ދެކޮޅަށް ރަށުން ބޭރުގައި ސިޓީ ކުޅުނު މި މެޗަށް އެ ޓީމު ނިކުތްއިރު ކޯޗު ގަޑިއޯލާ ވަނީ ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ.
އިނގިރޭސި ލީގު ކަޕްގެ އިތުރުން ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭއިރު 18 ދުވަހުގެ ތެރޭގައި ސިޓީ އަށް ވަނީ 6 މެޗު ކުޅުމަށް ޖެހިފަ އެވެ. ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭތީ ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ވަނީ މި ސީޒަނުގެ އިތުރުން މިދިޔަ ސީޒަނުގައި އެކަން ފާހަގަކޮށް އެކަމުގެ ސަބަބުން ކުޅުންތެރިންނަށް އަނިޔާވާ ކަމަށް ބުނެފަ އެވެ.
މެންޗެސްޓަރ ސިޓީގެ ފަރާތުން ރަގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި އެ ޓީމަށް ލީޑު ނަގައިދީފައިވަނީ މެޗުގެ 18 ވަނަ މިނިޓުގައި ފިލް ފޯޑެން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
އަދި މެޗުގެ 74 ވަނަ މިނިޓުގައި ފޯޑެންގެ އެސިސްޓަކުން ސަވީނިއޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި ގަޑިއޯލާ ވަނީ މެޗުގެ ފަހު ހަތް މިނިޓުގައި ކެލްވިން ފިލިޕްސް ކުޅެން އަރުވާފަ އެވެ. މިއީ 2023 ވަނަ އަހަރުގެ ޑިސެމްބަރ މަހު ފީފާ ކްލަބް ވޯލްޑް ކަޕްގައި ސިޓީގެ ޖާޒީގައި އޭނާ މެޗެއް ކުޅުނު ފަހުން ސިޓީގެ ޖާޒީގައި ކުޅުނު ފުރަތަމަ މެޗެވެ.