ޚަބަރު

އެޒޭގެ ފުރަތަމަ ލަނޑާއެކު އާސެނަލް މޮޅުވެއްޖެ


އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕްގައި ރޭ ލީގު ވަންގެ ކްލަބް ޕޯޓް ވޭލް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެއްޖެ އެވެ.

ރަށުން ބޭރުގައި އާސެނަލް ކުޅުނު މި މެޗަށް ކޯޗު މިކޭލް އާޓެޓާ ނެރެފައިވަނީ އާންމުކޮށް އޭނާ ނެރޭ ޓީމަށް 9 ބަދަލެއް ގެނައުމަށްފަހުގަ އެވެ. އެއީ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގައި އެ ޓީމުން ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭތީ މުހިންމު ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އާސެނަލް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގެ 8 ވަނަ މިނިޓުގައި އެ ޓީމުން ވަނީ އިދިކޮޅު ޓީމުގެ ގޯލު ހުޅުވާލާފަ އެވެ. މި ލަނޑު އާސެނަލް އަށް ކާމިޔާބު ކޮށްދީފައިވަނީ ލެވިސް ސްކެލީގެ އެސިސްޓަކުން އެބެރެޗީ އެޒޭ އެވެ. މިއީ މިދިޔަ މަހު އާސެނަލް އާއި ގުޅުނު ފަހުން އެޒޭ އެ ޓީމަށް ކުޅުނު ހަ މެޗުގެ ތެރެއިން އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މި މެޗުގައި އާސެނަލް އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ލިއަންދްރޯ ޓްރޮސާޑް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

އާސެނަލް މޮޅުވެ މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދާފައިވާއިރު މި މުބާރާތުގެ ހަތަރުވަނަ ބުރުގައި އާސެނަލް އާއި ދެކޮޅަށް ނިކުންނާނީ ޓްރޮސާޑްގެ ކުރީގެ ކްލަބް ކަމުގައިވާ ބްރައިޓަން އެވެ.