ވިޔަފާރި

ކަސްޓަމްސްއަށް ޖުލައިމަހު ލިބުނު އާމްދަނީ އިތުރުވެއްޖެ


އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު ހުސްވި ޖުލައިމަހު 6 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ވިދާޅުވެއްޖެއެވެ. މިދިޔަ ޖުލައިމަހު އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 196 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ ޖުލައިމަހު ލިބިފައިވަނީ 185 މިލިއަން ރުފިޔާއެވެ.

މިދިޔަ ޖުލައިމަހު ރާއްޖެއަށް އިމްޕޯޓުކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 2 އިންސައްތަ ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ ޖުލައިމަހު ދިވެހިރާއްޖެއަށް އެތެރެކޮށްފައިވަނީ 2.2 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރުގެ ޖުލައިމަހު މި ޢަދަދުވަނީ 2.1 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

img:http://s3.psmnews.mv/images/660x400/6919.jpg|މާލޭ ވިޔަފާރި ބަނދަރު - ފޮޓޯ: ކަސްޓަމްސް

ޖުލައި މަހު ދިވެހިރާއްޖެއިން އެކްސްޕޯޓްކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު %30 ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ ޖުލައި މަހު 204 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު މި އަހަރުގެ ޖުލައިމަހު މި ޢަދަދު ވަނީ 143 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިދިޔަމަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާ މިންވަރު ދަށްވެފައިވަނީ މައިގަނޑުގޮތެއްގައި މަހުގެ ބާވަތްތަކުގެ އެކްސްޕޯޓް ދަށްވެފައިވާތީއެވެ. 

މިދިޔަ ޖުލައިމަހު އެކްސްޕޯޓްކުރި ނިސްބަތް މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު ދަށްވެފައިވީނަމަވެސް މިއަހަރުގެ މިހާތަނަށް އެކްސްޕޯޓްކޮށްފައިވާ މިންވަރު 2015 އަހަރުގެ ފުރަތަމަ 7 މަސްދުވަހާ އަޅާބަލާއިރު އެއްވަރެއްގައި ހިފެހެއްޓިފައިވާކަންވެސް ފާހަގަކުރެވެއެވެ.