ޚަބަރު

އީގަލްސް މޮޅުވިއަ ނުދީ ބުރުން ހިފަހައްޓައިފި


ދިރާގު ދިވެހި ލީގުގައި ކުލަބް އީގަލްސް ދެ ލަނޑުޖަހާ ލީޑު ނަގާފަ ވަނިކޮށް ފަހަތުން އަރައި ބުރު ސްޕޯޓްސް ކުލަބުން އެއްވަރުކޮއްފިއެވެ.

ލީގުގައި އީގަލްސް ކުޅުނު ފުރަތަމަ މެޗުން މާޒިޔާ އަތުން ބަލިވި އިރު ބުރު ސްޕޯޓްސް ކުލަބުން ވަނީ ވިކްޓްރީ ސްޕޯޓްސް ކުލަބު އަތުން މޮޅުވެފައެވެ.

ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މެޗުގައި އީގަލްސް ވަނީ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހަމާލާ ވެސް އުފެއްދީ އީގަލްސް އެވެ. ދެވަނަ މިނުޓުގައި އިބްރާހިމް ރިޒުވާން އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

މެޗުގެ ހަވަނަ މިނިޓުގައި އީގަލްސް އިން ލީޑު ނެގީ އޭރިޔާ ތެރެއިން އަރިމަތީގަ ހުރެފަ އިބްރާހިމް މަހުދީ ފޮނުވާލި ބޯޅަ ގޯލަށްވަދެގެންނެވެ. އެޔަށްފަހު ދެން ލިބުނު ފުރުސަތެއްގައި މަހުދީ ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮއްފައެވެ. އެއީ ފުރަތަމަ ހާފުގެ 20 ވަނަ މިނިޓުގައި އޭރިޔާ ތެރެއިން ކުޅުންތެރިއެއްގެ ކައިރިން ނައްޓާލާފަ ގޯލުގެ ކަނަށް އަމާޒުކޮއްލައިގެންނެވެ.

މެޗުގެ 23 ވަނަ މިނިޓުގައި ރިޒުވާން އަށް އަނެއްކާވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އޭރިޔާ ބޭރުން ފޮނުވާލި ހަމަލާ ކީޕަރު އަތުގަ ޖެހިފަ ނުކުތުމުން މަހުދީ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުރުން ލަނޑު ޖެހި އިރު މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ އީގަލްސްގެ ކުރީގެ ފޯވާޑް މުހައްމަދު ނާއިމްއެވެ. މިއީ އޭރިޔާ މެދެއްހާ ހިސާބުގައި ހުރެފަ އޭނަ ފޮނުވާލި ހިލޭ ޖެހުމަކުން ކާމިޔާބުކޮއްދިން ލަނޑެކެވެ. ނާއިމް މިލަނޑު ޖެހީ މެޗުގެ 38 ވަނި މިނިޓުގައެވެ.

މެޗުގެ ދެވަނަ ހާފުގައި އީގަލްސްއަށްވުރެ ބޮޑަށް ބުރު ސްޕޯޓްސް ކުލަބުން ވަނީ ކުރިއަށް ޖެހި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މި ހާފުގައި ބުރުން ވަނީ އީގަލްސް ގޯލަށް ނުރައްކާތި ހަމާލާތަކެއް އަމާޒުކޮއްފައެވެ.

ބުރުން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 57 ވަނަ މިނިޓުގައި ލިބުނު ޕެނެލްޓީއަކުންނެވެ. އޭރިޔާ ތެރެއިން ނާއިމް ދެކުޅުންތެރިން ކައިރިން ނައްޓާލާފަ ދާން އުޅުމުން އީގަލްސްގެ ކުޅުންތެރިޔަކު ކުރި ފައުލުކަށް ލިބުނު ޕެނެލްޓީ ގޯލަށް ވައްދާލީ އަބްދުﷲ ޖުނެއިދެވެ.

މި ލަނޑަށްފަހު ވެސް ބުރަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އަބްދުﷲ ޔާމިން ފޮނުވާލި ބޯޅަ ކީޕަރު މަތަކުރުމުން ނާއިމްއަށް އޭރިޔާ ތެރިން ލިބުނު ބޯޅަ ދަޔައީ ބޭރަށެވެ. މެޗުގެ ފަހު ކޮޅުގައި އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ އިބްރާހިމް ލެބީ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ބުރުގެ ކީޕަރު ފައިސަލްއެވެ.

ބުރު ސްޕޯޓްސް ކުލަބަށް ލީގުގައި ދެން އޮންނީ މާޒިޔާ މެޗެވެ.