ގައުމީ ބިލިއާޑް މުބާރާތް 2025 ގެ ޓީމު އިވެންޓްގެ ޗެމްޕިއަންކަން ކްލަބް ޓީނޭޖުން ހޯދައިފިއެވެ.
ވާދަވެރި މެޗުތަކަކަށްފަހު ކްލަބް ޓީނޭޖުން މި މުބާރާތް ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލިނުވެ ހުރިހާ މެޗެއް ކާމިޔާބުކޮށް ފައިނަލްގައި ބްލަޑް ބްރަދާސް ބަލިކޮށްގެންނެވެ.
މާލޭ ޕޫލް ބިލިއާޑް ހޯލުގައި ސެޕްޓެމްބަރު 3-23 އަށް ކުރިޔަށްދިޔަ ގައުމީ ބިލިއާޑް މުބާރާތުގައި 7 ކެޓަގަރީއަކުން ޓީމުތަކުން ވާދަކުރިއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ވާދައިގެ ތައްޓާއި މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން ދޭ ޗެމްޕިއަން ޓްރޮފީ ހަވާލުކޮށްދެއްވީ މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލްއެވެ.
އެކި ވަނަތަކަށް އައި ބައިވެރިންނަށް އިނާމު ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރުގެ އިތުރުން ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ފައުންޑަރ މެންބަރު އަދި ޓްރާންސްޕޯޓްސް އެންޑް ސިވިލް އޭޝިއޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައިމިން ހުސެއިންނެވެ.
ޗެމްޕިއަން ޓްރޮފީ އުލުފާލުމަށްފަހު ކްލަބް ޓީނޭޖުގެ ކުޅުންތެރިން ބުނީ މިއީ އެ ކްލަބްގެ މެނޭޖްމެންޓުން ދިން އެއްބާރުލުމުގެ ސަބަބުން ހޯދުނު ކާމިޔާބީއެއް ކަމަށެވެ.
ކްލަބް ޓީނޭޖްގެ މެނޭޖަރ ބުނީ ކުޅުންތެރިންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދީގެން މުބާރާތަށް ނިކުތީ ވަރަށް ބޮޑަށް ކުޅުންތެރިންނަށް އިތުބާރުކޮށްގެން ކަމަށެވެ. އަދި މި ކާމިޔާބީއަކީ ކުޅުންތެރިން ކުރި ބުރަ މަސައްކަތް ކަމަށެވެ.
މި މުބާރާތުގެ މިކްސްޑް ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ ހަސަން ޝާޒް މުހައްމަދާ، އައިމިނަތު އަޒްރާގެ ޕެއާއެވެ. އަންހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ އައިމިނަތު އަޒްރާ އާއި އައިމިނަތު އަޒީމާގެ ޕެއާއެވެ.
ފިރިހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު ސާހިލް އަހުމަދާއި އަހުމަދު މާހިދުގެ ޕެއާއެވެ. މާހިދާއި ސާހިލް ބުނީ މި މުބާރާތަށް އެ ދެ ކުޅުންތެރިން ޕެއާވެ ޗެމްޕިއަންކަން ހޯދަށް ކުރެވުނު މަސައްކަތާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.
ދެވަނަ ޑިވިޝަންގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ އަހުމަދު ޝިވާޒްއެވެ. 2 ވަނަ ޑިވިޝަންގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ އައިމިނަތު އަޒްރާއެވެ. އަޒްރާ ބުނީ ކްލަބް ޓީނޭޖުން އޭނާއަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށާއި، މި ކާމިޔާބީއަކީ ކްލަބްގެ އެންމެންގެ އެހީތެރިކަމާއެކު ހޯދުނު ކާމިޔާބީއެއް ކަމަށެވެ.
ފުރަތަމަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް އިވެންޓުން އެއްވަނަ ހޯދީ އިސްމާއިލް ސުވެއިދުއެވެ. އޭނާ ބުނީ މުބާރާތަށް ތައްޔާރުވި އިރުވެސް ބައެއްކަންކަން ރަނގަޅުކޮށްފިނަމަ ޗެމްޕިއަންކަން ނެގޭނެ ކަމުގެ އުންމީދު އޮތްކަމަށެވެ.
މި މުބާރާތުގެ ޓީމް އިވެންޓްގައި ރާއްޖޭން ބޭރުގެ ކުޅުންތެރިން ވާދަކުރި މި މުބާރާތުގެ ކުޅުން ކުރިޔަށްދިޔައީ މާލޭ ޕޫލް ބިލިއާޑް ހޯލުގައެވެ. ގައުމީ ބިލިއާޑް މުބާރާތުގައި ޓީމު އިވެންޓުގައި ޔޫތް ޑިވެލޮޕްމެންޓް ޕްރޮގްރާމުގެ ތެރެއިން ވަރަށް ޒުވާން ޓީމެއްވެސް ވަނީ ވާދަކޮށްފައެވެ.
ޖުމްލަ 8 ޓީމަކުން ބައިވެރިވި މި މުބާރާތުގައި 800 އަށްވުރެ ގިނަ މެޗު ކުޅެފައިވެއެވެ.