ޚަބަރު

ސްޕެޝަލް އޮލިމްޕިކްސް އޭޝިއާ ޕެސިފިކް ބެޑްމިންޓަން މުބާރާތުން ރާއްޖެއަށް 3 ރިހި މެޑަލް


‎ސްޕެޝަލް އޮލިމްޕިކްސް އޭޝިއާ ޕެސިފިކް ރީޖަނަލް ބެޑްމިންޓަން މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރި އެތުލީޓުން 3 ރިހިމެޑަލް ހޯދައިފިއެވެ.

‎މި މަހުގެ 17 އިން 20 އަށް މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ބޭއްވި ސްޕެޝަލް އޮލިމްޕިކްސް އޭޝިއާ ޕެސިފިކް ރީޖަނަލް ބެޑްމިންޓަން މުބާރާތުގެ ޔުނިފައިޑް ކެޓަގަރީގެ (16- 21 އަހަރާއި ދެމެދު) ގެ އަންހެނުންގެ ޑަބަލްސް އިވެންޓުން މަރިޔަމް އިނާސް އިލްޔާސް އާއި އައިމިނަތު ރައިޝާ އަލީ ވަނީ ދެވަނަ ހޯދާފައެވެ.

އަދި ރާއްޖޭގެ އިބްރާހިމް ރަބީތު ވަނީ ޓްރެޑިޝަނަލް ބެޓްމިންޓަންގެ (22-33 އަހަރާއި ދެމެދު) ގެ މެންސް ސިންގަލްސް އިވެންޓުން ދެވަނަ ހޯދާފައެވެ. ރާއްޖޭގެ އެތުލީޓުން ވަނީ މި މުބާރާތުގައި ރަނގަޅު ވާދައެއް ކޮށްފައެވެ.

އެގޮތުން މުހައްމަދު ރާއިފް ޝަރީފް ވަނީ މެންސް ސިންގަލްސްގެ ހަތަރުވަނަ ހޯދާފައެވެ. އަދި ރާއްޖޭގެ އައިޝަތު މާނީޔާ އާދަމް ވަނީ އަންހެން ސިންގަލްސްގެ ހަތަރުވަނަ ހޯދާފައެވެ. ޑަބަލްސް އިވެންޓުން ރާއްޖޭގެ އިބްރާހިމް ރަބީތް އާއި މުހައްމަދު ޖުމާން އަހުމަދު ވަނީ ހަތަރުވަނަ ހޯދާފައެވެ.

މީގެ އިތުރުން ޔުނިފައިޑް ފިރިހެން ޑަބަލްސް އިވެންޓުން މުހައްމަދު އަލޫފް ރާފިއު އާއި މުހައްމަދު ރާއިފް ޝަރީފް ވަނީ ހަތަރު ވަނަ ހޯދާފައެވެ.
އަންހެނުންގެ ޔުނިފައިޑް ޑަބަލްސް އިވެންޓުން އައިމިނަތު ރައިޝާ އަލީ އާއި އަމްނާ އަހުމަދު އަބްދުالله ވަނީ ފަސް ވަނަ ހޯދާފައެވެ.

‎މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރި އެތުލީޓުންނަކީ މުޙައްމަދު ރާއިފު ޝަރީފް، މުހައްމަދު ޖުމާން އަޙްމަދު، އިބްރާހިމް ރަބީތް، އައިމިނަތު ރައިޝާ އަލީ، އަމްނާ އަހުމަދު އަބްދުالله އަދި އައިޝަތު މާނިޔާ އާދަމް އެވެ.

މީގެ ތެރެއިން މާނިޔާއަކީ 2023 ވަނަ އަހަރު ބާލިންގައި ބޭއްވި ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްއިން ރާއްޖެއަށް ރަން މެޑަލް ހޯދައިދީފައިވާ އެތުލީޓެކެވެ. މި އެތުލީޓުންނާއެކު ޔުނިފައިޑް ޕާޓްނަރުންގެ ގޮތުގައި ބައިވެރިވަނީ މަރިޔަމް އީނާސް އިލްޔާސް އާއި މުޙައްމަދު އަލޫފް ރާފިއުއެވެ. އީނާސް އަދި އަލޫފް އަކީ އޭދަފުށި ރިވައިވަލްގެ އެތުލީޓުންނެވެ. ރައިޝާ އަކީ ޅ. ހިންނަވަރުގެ އެތުލީޓެކެވެ.

‎ރާއްޖޭގެ އެތުލީޓުންނާއެކު ހެޑް އޮފް ޑެލިގޭޝަންގެ ގޮތުގައި ބައިވެރިވީ މޫސާ ޒަމީރެވެ. ހެޑް ކޯޗު ރިޝްވާން ޝިޔާމްގެ އިތުރުން ކޯޗު އައިމިނަތު ޝަހުރުނާޒް މޫސާ ވަނީ މި އެތުލީޓުންނަށް އިރުޝާދުދީފައެވެ.

މީގެ ތެރެއިން ބައެއް ކުޅުންތެރިންނަކީ ބައިނަލްއަގްވާމީ މުބާރާތެއްގައި މުޅިން އަލަށް ވާދަކުރި ކުޅުންތެރިންނެވެ.