ރެއިޑް އޮޕަރޭޝަންތަކުގައި އަތުލައިގަންނަ ހުރިހާ ބިދޭސީންނަކީ ޑީޕޯޓްކޮށްލާނެ މީހުންނެއް ނޫންކަމަށާއި، އެމީހުންނަށް ޤަވާއިދާ އެއްްގޮތަށް ރާއްޖޭގައި މަސައްކަތްކުރަން އުޅުމުގެ ފުރުސަތު ދޭނެކަމަށްވެސް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަނުން މިހެން ވިދާޅުވީ، ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ޤައުމީ އޮޕަރޭޝަނާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުންނެވެ.
ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދައި، އެކަމަށް ދާއިމީ ހައްލެއް ގެނައުމަށްޓަަކައި ޤައުމީ އޮޕަރޭޝަނެއް ފެށީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އިމިގްރޭޝަންގެ ޗީފް އިމިގްރޭޝަން އޮފިސަރ އަޙުމަދު މުޖުތަބާ ވިދާޅުވީ، މި އޮޕަރޭޝަންގެ މައިގަނޑު މަޤްސަދަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅުއެޅުންކަމަށެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަން ބިދޭސީންނަށް އެހީވާ ދިވެހިން ހޯދައި ތަޙުޤީޤުކޮށް ފިޔަވަޅު އަޅާނެކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ.
މުޖުތަބާ ވިދާޅުވީ، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީންވެސް ފާހަގަކުރެވޭކަމަށާއި، ނަމަވެސް، ވިސާގެ މުއްދަތު ހަމަވިތާ 6 މަސްދުވަސް ނުވާ ފަރާތްތައް ބަންދުކުރުމުގެ ބަދަލުގައި، އެފަރާތްތަކަށް ނޯޓިސްއެއް ދޭކަމަށެވެ.
"ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން މި ރެއިޑް އޮޕަރޭޝަންތަކުގަ ޑީޓެއިންކުރަނީ. މިގޮތަށް ޑީޓެއިންކުރެވޭ އެބަ ވަރަށް ގިނަ ފަރާތްތަކެއްް. މި ފަރާތްތަކަށް ސަރުކާރުން މީގެ ކުރިން ފަށާފައިވާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ތެރެއިން ރެގިއުލަރައިޒް ކުރުމުގެ ފުރުސަތު އެބަދެން." މުޖުތަބާ ވިދާޅުވިއެވެ.
މުޖުތަބާ ވިދާޅުވީ، ބިދޭސީން މަސައްކަތްތެރިން ގެންގުޅޭ ދިވެހި ފަރާތްތަކަށް ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް އެމީހުން ގެންގުޅުމުގެ ފުރުޞަތު އޮތްކަމަށާއި، ސަރުކާރުން އެ ފުރުސަތު ފަހިކޮށްދީފައިވާކަމަށެވެ. އެހެންކަމުން މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކުން، އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަކީ މުހިންމު ކަމެއްކަމަށް މުޖުތަބާ ފާހަގަކުރެއްވިއެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި މިހާތަނަށް 463 ތަނެއް ބަލައި ފާސްކޮށް، 932 ބިދޭސީން ޗެކްކުރެވިފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. މީގެ އިތުރުން، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 81 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރީގައި ހަރަކާތްތެރިވަމުން ދާކަމަށް ފާހަގަކުރެވޭ 10 ތަނެއްގެ މައުލޫމާތު ކަމާގުޅުންހުރި އިދާރާތަކާއި ހިއްސާކޮށްފައިވާކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.