ޚަބަރު

ހުޅަނގުގެ ބާރުތަކުން ފަލަސްޠީން ބަލައިގަތުމުން ޓްރަމްޕް ރަތަށް, ވިދާޅުވީ އެއީ ޙަމާސަށް ދިން ހަދިޔާއެއް ކަމަށް


ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމަކީ ޣައްޒާގައި ވެރިކަންކުރާ ޙަމާސަށް ދެވޭ ހަދިޔާއެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަ ކުރައްވައިފިއެވެ.

ޓްރަމަޕް މި މޭރުމުން ވާހަކަދައްކަވާފައި މި ވަނީ ހުޅަނގުގެ ގިނަ ޤައުމުތަކަކުން ފަލަސްޠީނުގެ މިނިވަން ބަލައިގަނެފައި ވަނިކޮށް އދގެ އާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުންނެވެ. ޓްރަމްޕްގެ ވާހަކަފުޅުގައި އޭނާ ވިދާޅުވީ ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމުގެ ބަދަލުގައި ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަންކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 65،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ޔަހޫދީން ދަނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ދަތިކޮށް، ޣައްޒާގެ ރައްޔިތުން ގަސްތުގައި ބަނޑަށް ޖައްސަމުންނެވެ. ޣައްޒާގެ ޙާލަތު އެކި މަންސަތައް މެދުވެރިކޮށް މުޅި ދުނިޔެއަށް ފެންނަމުންދާއިރު، ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ފަލަސްޠީނުގެ ހައްޤުގައި ވަކާލާތުކޮށް ގިނަ ޢަދަދެއްގެ މީހުން ދަނީ އަޑުއުފުލަމުންނެވެ. މި ޙާލަތުގައި ސަރުކާރުތަކުން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމަށް ވެސް ޤައުމުތަކުގެ ރައްޔިތުން ދަނީ ސަރުކާރުތަކަށް ގޮވައިލަމުންނެވެ.

ފާއިތުވި ދެ ދުވަހުގެ ތެރޭގައި ހުޅަނގުގެ ބޮޑެތި ޤައުމުތައް ކަމަށްވާ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާއި ކެނެޑާއާއި އޮސްޓްރޭލިޔާއާއި ޕޯޗުގަލުން ވަނީ ފަލަސްޠީނުގެ މިނިވަންކަން ބަލައިގެންފައެވެ. އެ ޤައުމުތަކުން ވެސް މަސައްކަތް ކުރަނީ ޔަހޫދީންނާއެކު ފަލަސްޠީނުގެ ވެސް މިނިވަން ދައުލަތެއް އޮންނަ ސިޔާސަތު ކުރިއެރުވުމަށެވެ. ނަމަަވެސް އެ ނިންމުމުގެ ސަބަބުން ޔަހޫދީންނާއި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

ޓްރަމްޕްގެ ވާހަކަފުޅުގައި އދއާ ގުޅޭގޮތުން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ. ތަޤުރީރު ދެއްވަމުން ދަނިކޮށް ޓްރަމްޕް ބޭނުންކުރައްވަމުން ދިޔަ ޓެލެޕްރޮމްޓަރއަށް މައްސަލައެއް ދިމާވުމުން އެކަން ވެސް އޭނާ ސިފަކުރެއްވީ އދގެ ނުކުޅެދުންތެރިކަމެއްގެ ގޮތުގައެވެ.