ތަޢުލީމު

އިސްލާމިކް ޔުނިވާސިޓީއަށް އެހީވުމަށް ސަޢޫދީ ކެބިނެޓުން ނިންމައިފި


ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއެއް އުފެއްދެވުމާ އެކުގައި، އެ ޔުނިވަރސިޓީން ގެންދަވަނީ ބައިނަލްއަޤުވާމީ ވަރުގަދަ ޔުނިވަރސިޓީތަކާ އެކުގައި ގުޅުން ހަރުދަނާކުރައްވަމުންނެވެ. އަދި އިސްލާމީކް ޔުނިވަރސިޓީން ކިޔަވައިދެއްވަމުން ގެންދަވާ ކޯސްތަކުގެ ފެންވަރު އެއްދުވަހުން އަނެއްދުވަހަށް ހަރުދަނާކުރެއްވުމަށްޓަކައި އެ ޔުނިވަރސިޓީން ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ސަޢުދީ ޢަރަބިއްޔާގެ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީ މެދުވެރިކޮށް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއަށް އެހީތެރިވުމަށް ސަޢޫދީ ޢަރަބިއްޔާގެ ކެބިނެޓުން މިހާރު ވަނީ ނިންމަވާފައެވެ. 

މިކަމާ ގުޅޭގޮތުން ޕީ.އެސް.އެމްއާ ވާހަކަދައްވަމުން އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ސަޢުދީ ރަސްގެފާން ސަލްމާން ބިން ޢަބްދުލް ޢަޒީޒް އާލް ސަޢުދު ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގައި މިކަން ހަމަޖެހިގެން ދިއުމަކީ ރާއްޖޭގެ އިސްލާމިކް ޔުނވަރސިޓީއަށް ލިބިގެންދިޔަ ވަރަށް މަތިވެރި ޤަދަރަކާއި އިޙްތިރާމެއްކަމަށެވެ. އަދި މިއީ ރާއްޖޭގައި ދީނީ ޢިލްމު ފުޅާކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަން ޝަހީމް ފާހަގަކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14713560573537.jpg|ސަޢޫދީ ރަސްގެފާން، ސަލްމާން ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ

"ސަޢޫދީ ޢަރަބިއްޔާގެ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީއާއެކު މިވެވޭ އެއްބަސްވުމުގެ ކޮޕީއެއް މީގެ ދުވަސްކޮޅެއް ކުރިން ލިބިފައިވަނީ، ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން އެތަނުގެ ތަޢުލީމާބެހޭ ވުޒާރާއަށް ހުށަހަޅާފައި. އަދި ތަޢުލީމާބެހޭ ވުޒާރާއިން ވަޒީރުންގެ މަޖީލީހަށް ހުށަހަޅާ ވަޒީރުންގެ މަޖިލީހުން ވަނީ މިހާރު ރުހުން ދެއްވާފައި، ސަޢޫދީޢަރަބިއްޔާގެ ޔުވަރސިޓީއަކަށް ބޭރުގެ އެހެން ޔުނިވަރސިޓީއަކަށް މިބާވަތުގެ އެއްބަސްވުންތައް ކުރިޔަށް ގެންދެވޭނީ ވަޒީރުންގެ މަޖިލީހުން ރުހުން ލިބިގެން." ޝަހީމް ވިދާޅުވިއެވެ. 

މި އެއްބަސްވުމުގެ މައިގަނޑު އަސާސަކީ އެކަޑަމިކް ދާއިރާއިން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އިސްލާމިކް ޔުނިވަރސިޓީން ވިދާޅުވެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން މަތީ ތަޢުލީމުގެ ގިނަ ފުރުޞަތުތަކެއް ފަހިވެގެންދާނެކަމަށް ޝަހީމް ވިދާޅުވިއެވެ. 

img:http://s1.psmnews.mv/images/660x400/14607398514712.jpg|އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު -ފޮޓޯ: ޕިއެސްއެމް

"އެކިއެކި އިލްމީ ދިރާސާތަކާއި ފަންނީ ކަންތައްތައް. އަދި ޚާއްޞަކޮށް މަތީތަޢުލީމުގެ މަރުޙަލާއަށް އުސްތާޛުން  އެކި އެކި  މުއްދަތަށް ފޮނުވުން ވިޒިޓިންގ ލެކްޗަރާއިން ފޮނިވައިދިނުމާއި ރިސާރޗްގެ ކަންތައް ފުޅާކުރުމުގައި ދެފަރާތުން  ގުޅިގެން މަސައްކަތް ކުރުން. އަދި ބައިނަލްއަޤުވާމީ އެކިއެކި މަޖައްލާތަކާއި ޕަބްލިކޭޝަންތަކުގައި ދެފަރާތް ގުޅިގެން އިލްމީ ދިރާސާތައް ޕަބްލިޝްކުރުމާއި ތަފާތު އެކިއެކި ކޮންފަރެންސްތަކާއި ސިންޕޯޒިއަމްތައް ބޭވުމާއި ވޯކްޝޮޕްތައް ބޭވުމާއި މީގެ އިތުރުން އަންޑަ ގުރެޖުއޭޓާއި ޕޯސްޓް ގްރެޖްއޭޓް މަރުޙަލާގައި ސްކޮލަޝިޕް ފޯރުކޮށްދިނުން ހިމެނޭ." ޝަހީމް ވިދާޅުވިއެވެ. 

މި އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި ދެފަރާތް ގުޅިގެން ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއެއްބަސްވުމަކީ ކޮންމެ ތިންއަހަރުން އެއްފަހަރު އާކުރާގޮތަށް އޮންނަ އެއްބަސްވުމެއްކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ހާމަކުރައްވައެވެ. މި އެއްބަސްވުން ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށް އިސްލާމިކް ޔުނިވަރސިޓީން ވިދާޅުވެއެވެ.