ޚަބަރު

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކީޕަރު އިފްރާޙަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ


ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ގޯލްކީޕަރު އިބްރާހީމް އިފްރާޙް ޢަރީފަށް ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އަދިވެސް އޮތީ އައިސީޔޫގައި ކަމަށް އާއިލާއިން ބުނެފިއެވެ.

އުމުރުން 36 އަހަރުގެ އިފްރާޙަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދޭން ފެށީ އިއްޔެ ސްޓްރޯކެއްޖެހި ސިކުނޑިއަށް ލޭއެޅިފައިވާތީ ކަމަށް އާއިލާއިންވަނީ ބުނެފައެވެ. ސިކުނޑިއަށް އެޅިފައިވާ ލޭތައް ނެގުމަށް އިއްޔެ ވަނީ ސާޖަރީއެއް ހަދާފައެވެ.

އިފްރާޙަކީ ރާއްޖެއިން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދިއިރު ގައުމީ ޓީމުގެ ކީޕަރުންގެ ތެރޭގައި ހިމެނުނު ބަދަލު ކީޕަރެކެވެ. އޭނާއަކީ އެދުވަސްވަރު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުން ފާހަގަކުރެވުނު އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ހިމެނުނު ކުޅަދާނަ ކީފަރެކެވެ. އެހެންނަމަވެސް ފަހުން އަނިޔާގެ ސަބަބުން ކުޅުމާދުރުގައި ހުރުމަށްފަހު ބޮޑު މުބާރާތެއްގައި އޭނާ ފެނިފައެއް ނުވެއެވެ.

އިފްރާޙް އެންމެފަހުން ކުޅުނީ މީގެ 6 އަހަރުން ކުރިން ޓީސީ ސްޕޯޓްސް ކުލަބަށެވެ. އިފްރާޙަކީ ކުލަބު ވެލެންސިއާއިން ފުޓްބޯޅައިގެ ތެރެއަށް ނިކުމެ ފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، ވިކްޓަރީ ސްޕޯޓްސް ކުލަބު އަދި ބީޖީ ސްޕޯޓްސް ކުލަބަށްވެސް ކުޅެފައިވާ ކީޕަރެކެވެ.

އިފްރާޙަކީ ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަނެކެވެ. އަދި 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި އޭނާވަނީ އޭޝިއަން ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް އަދި އޮލިމްޕިކް ކޮލިފައިންގައި ރާއްޖެ ތަމްސީލުކޮށް ބައިނަލްއަގްވާމީ ގިނަ ތަޖުރިބާތާކެއްވެސް ހޯދާފައެވެ.