ކަޝްމީރުގެ އިންޑިޔާ ފަޅި ކަމަށްވާ ޖަންމޫ ކަޝްމީރުގައިވާ އިންޑިޔާ ފުލުހުންގެ މަރުކަޒަކަށް ޙަމަލާދިން 2 މީހަކު މަރާލިކަން އިންޑިޔާއިން ހާމަކޮށްފިއެވެ.
އިންޑިޔާގެ ސަލާމަތީ ބާރުތަކުން ބުނީ ޖަންމޫ ކަޝްމީރުގައިވާ ފުލުހުންގެ މަރުކަޒަކަށް ބަޑިން ހަމަލާދިނީ ހަތިޔާރު އަޅައިގެންތިބި ދެމީހުންކަމަށާއި މިޙަމަލާތަކަށްފަހު ހިނގި ކުރިމަތިލުންތަކުގައި އެ 2 މީހުންނާއި އިންޑިޔާގެ ސެންޓްރަލް ރިޒާވް ޕޮލިސް ފޯސް (ސީއާރުޕީއެފް) އަށް ނިސްބަތްވާ އެކަކު މަރުވެފައިވާ ކަމަށެވެ.
ޖަންމޫ ކަޝްމީރުގައި މެދުކެނޑުމެއްނެތި ހަމަނުޖެހުންތައް ހިނގަމުންދާތާ ދޮޅުމަހެއްހާ ދުވަސްވަނީ ވެފައެވެ. މި ހަމަނުޖެހުންތައް ފެށިފައިވަނީ މިދިޔަ ޖުލައިމަހުގެ ކުރީކޮޅު އިންޑިޔާގެ ސަލާމަތީ ބާރުތަކުން ދިން ޙަމަލާތަކެއްގައި ކަޝްމީރުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހިޒްބުލް މުޖާހިދީން ޕާޓީގެ ޒުވާން ލީޑަރު ބުރްހާން ވާނީ މަރާލުމާއި ގުޅިގެންނެވެ. ބުރްހާން މަރާލުމާއި ގުޅިގެން ޖަންމޫ ކަޝްމީރުގައި އިންޑިޔާގެ ސަލާމަތީ ބާރުތަކަށް ދޭ ޙަމަލާތައް އިތުރުވެ އާންމުންގެ މުޒާހަރާތަކާއި އިޙްތިޖާޖްތައް އާދަޔާ ޚިލާފަށް ގިނަވެފައިވާއިރު މިފަރާތްތަކާއި އިންޑިޔާގެ ފުލުހުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި ފާއިތުވި ދޮޅުމަހެއްހާ ދުވަހުގެތެރޭގައި 54 މީހުން މަރުވެ 100 އަށްވުރެ ގިނަމީހުން ވަނީ ޒަޚަމްވެފައެވެ.
ޖަންމޫ ކަޝްމީރުގައިވާ އިންޑިޔާ ފުލުހުންގެ މަރުކަޒަކަށް ހަތިޔާރު އަޅައިގެންތިބި ބަޔަކު ހޯމަދުވަހު ބަޑިން ޙަމަލާތައް ދީފައިމިވަނީ އިންޑިޔާއިން އެޤައުމުގެ މިނިވަން ދުވަސް ފާހަގަކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ. މިނިވަންދުވަހުގެ މުނާސަބަތުގައި ދެއްވި ތަޤްރީރުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވަނީ ޓެރަރިޒަމްގެ ނުރައްކާތެރިކަން އިންޑިޔާއަށް ވަރަށް ބޮޑުކަމަށް ވިދާޅުވެ ޓެރަރިޒަމަކީ އިންޑިޔާގެ ވަތަނީ އެއްބައިވަންތަކަމާއި ވަހްދަތަށް އޮތް ބިރެއް ކަމަށް ސިފަކުރައްވާފައެވެ. ނަމަވެސް މޯދީގެ ތަޤްރީރުގައި ޖަންމޫ ކަޝްމީރުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭގޮތުން ސީދާ ވާހަކަ ދައްކަވާފައެއް ނުވެއެވެ.
ޖަންމޫ ކަޝްމީރުގައިވާ އިންޑިޔާ ފުލުހުންގެ މަރުކަޒަށް ހޯމަދުވަހު ދިން ބަޑީގެ ހަމަލާތަކާއި ގުޅިގެން އިންޑިޔާގެ ސެންޓްރަލް ރިޒާވް ޕޮލިސް ފޯސް (ސީއާރުޕީއެފް) ގެ ޕަބްލިކް ރިލޭޝަން އޮފްސަރަކު ވިދާޅުވީ ޙަމަލާދިން މީހުންގެ ބޭނުމަކީ ފުލުހުންގެ މަރުކަޒު އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައުން ކަމަށާއި ނަމަވެސް ފުލުހުންގެ ރައްދު ޙަމަލާތަކުގައި އޭގެތެރެއިން 2 މީހުން މަރުވެ އެހެން މީހުން ފިލާފައިވާ ކަމަށެވެ. އިންޑިޔާގެ ފުލުހުންގެ މަރުކަޒަށް ޙަމަލާދިން ހަތިޔާރުއެޅި މީހުންނަކީ ކަޝްމީރުގެ ކޮން ޖަމާޢަތަކަށް ނިސްބަތްވާ ބައެއްކަން އިންޑިޔާގެ ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ޖަންމޫ ކަޝްމީރުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ޕާކިސްތާނާއި ގުޅުން ވާކަމަށް އިންޑިޔާ ތުހުމަތު ކުރާއިރު ކަޝްމީރުގެ މައްސަލަ ޙައްލުކުރުމަށްޓަކައި އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރަށް ޢަމަލުނުކުރާ ކަމުގެ ތުހުމަތު ޕާކިސްތާނުން އިންޑިޔާގެ މައްޗަށް ކުރަމުން ގެންދެއެވެ. 1947 ގައި އިންޑިޔާއާއި ޕާކިސްތާނަށް މިނިވަންކަން ލިބުނުފަހުން އެ 2 ޤައުމުން 3 ހަނގުރާމައެއް ކޮށްފައިވެއެވެ. މީގެތެރެއިން 2 ހަނގުރާމަ ކޮށްފައިވަނީ ކަޝްމީރުގެ މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައިވާ އަރާރުންތަކާއި ގުޅިގެންނެވެ.